އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ސޮސައިޓީ އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖިސްޓްސް އޮފް މޯލްޑިވްސް (އެސްއޯޖީއެމް) ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައިނޮކޮލޮޖިކަލް ސާޖިކަލް ވޯކްޝޮޕެއް ފަށައިފި އެވެ.
މި ވޯކްޝޮޕް ފައްޓަވައި ދެއްވީ ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގައިނެކޮލޮޖީގެ ފަރުވާ ކުރިއެރުވުމަށް މިކަމުގެ މުހިއްމުކަން ބޮޑު ކަމަށެވެ.
ވޯކްޝޮޕްގައި ގައިނެކޮލޮޖިސްޓުންނާއި އޮޕަރޭޓިން ރޫމް ނަރުހުންނަށް ޢަމަލީ ތަމްރީނު ދިނުމަށް ހަމަޖެހިފައިވާ އިރު، ހުޅުމާލެ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލް އަދި މެޑިކާ ހޮސްޕިޓަލްގެ 7 ގައިނެކޮލޮޖިސްޓުން ވޯކްޝޮޕްގައި ބައިވެރިވެ އެވެ.
މީގެ ސަބަބުން ރާއްޖޭގައި މިހާރު ވެސް އަންހެނުންގެ ޙާއްސަ ބަލިތަކުގެ ފަރުވާއަށް ލިބެންހުރި ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ އެވެ. އަދި އަންހެނުންގެ ބަލިތަކަށް ހާއްސަ ދިވެހި ސާޖަނުންނަށް މުހިންމު ތަޖުރިބާތަކެއް ލިބިގެން ދާނެ އެވެ.
ވޯކްޝޮޕް ކުރިއަށް ގެންދިއުމަށް ޗައިނާގެ ބެއިޖިންގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ޕްރޮފެސަރު ޑރ ޝިއައުމިންގް ގޮންގް ހަރަކާތްތެރިވެ އެވެ. އޭނަ އަކީ މިނިމަލް އިންވޭސިވް ގައިނަކޮލޮޖިކް ސާޖަރީ (އެމްއައިޖީއެސް) ގެ ރޮނގުގައި ފާހަގަކޮށްލެވޭ ދުނިޔޭގެ ފެންވަރުގެ މާހިރެކެވެ.
އަދި ގޮންގް އަކީ ރަހިމުގެ ފައިބްރޮއިޑް އެބްލޭޝަން ތެރަޕީގެ އައު މަގެއް ހުޅުވާލި ބޭފުޅެޖެވެ. އަހަރަކު 500 އަށް ވުރެ ގިނަ ސަރޖަރީ ހައްދަވާއިރު، އޭގެ ތެރެއިން 95 ޕަސަންޓަކީ މިނިމަލީ އިންވޭސިވް އުކުޅުތައް ބޭނުންކުރައްވައިގެން ހަދާ ސާޖަރީތަކެވެ. އޭނާ އަކީ ސިންގަލް-ޕޯޓް ލެޕޮރޮސްކޯޕިކް ސާޖަރީ، ވީ-ނޯޓްސް ސާޖަރީ އަދި ލިންސް ހިސްޓަރޮސްކޮޕިކް ރިސެކްޝަން ޓެކްނިކް ފަދަ ޕްރޮސީޖާތައް ޗައިނާއަށް ތަޢާރަފުކުރި ފަރާތެވެ.
ދެހާސް ނުވައަކުން ފެށިގެން ރަހިމުގެ ފައިބްރޮއިޑްސް އަދި އެޑިނޯމައޯސިސް ފަރުވާއަށް ހައި-އިންޓެންސިޓީ ފޯކަސްޑް އަލްޓްރާސައުންޑް (އެޗްއައިއެފްޔޫ) އަދި މައިކްރޯވޭވް ރޭޑިއޯފްރީކުއެންސީ ޓެކްނިކްތައް ބޭނުންކޮށްގެން ކުރި މަސައްކަތްތަކުން މި ދާއިރާއަށް ގޮބްގް ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައި ދީފަ އެވެ.
ހިޔާލު ފާޅުކުރައްވާ