ޓޫރިސްޓް ވިސާގައި ރާއްޖެ އައި ޗައިނާ ގެއަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ހޯދަމުން އަންނަނީ ސޫ ޒިއޯނިން ކިޔާ 30 އަހަރުގެ މީހެއް ކަމަށެވެ.
އޭނަ ރާއްޖެ އައި ފަހުން އާއިލާއަށް ޚަބަރެއްވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅީ މި މަހުގެ 22 ގަ އެވެ. ފުލުހުން ބުނީ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާ އެކު ސޫ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުން ހުރި އެންމެހާ ބަހާތަކަށް މައުލޫމާތު ހިއްސާ ކުރެވި، ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އޭނާ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސްފައި ވަނީ މިދިއަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ. އަދި ސޫ މާލޭގައި ހުރި ގެސްޓްހައުސް އިން އެ މަހުގެ 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކް-އައުޓް ވެފައިވާކަމާއި އެއަށް ފަހު އޭނާ ރާއްޖެ އިން ފުރައިގެން ގޮސްފައި ނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ނަމަވެސް އޭނަ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން ސޫއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭ ތަނެއް ހޯދިފައެއް ނުވެ އެވެ.
އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.