Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ތިނަދޫ ކައުންސިލުން ބުނަނީ އޭސީސީން ވައްކަންކޮށްފި ކަމަށް!

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނަމުގައި ދިޔަ ބަޔަކު ތިނަދޫ ސިޓީ ކައުންސިލް އިދާރާ އިން ވައްކަންކޮށްފައިވާ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

މި ވާހަކަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާކޮށް އެ ކައުންސިލުން މިއަދު ބުނީ ކައުންސިލް އިދާރާގެ ގިނަ އަދަދެއްގެ ތަކެތި އޭސީސީގެ ނަމުގައި އައި ބަޔަކު ވަގަށް ނަގާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެތަނުން ބުނީ ހުށަހެޅި ބަލަމުންދާތީ ކައުންސިލްގެ ބައެއް ހިދުމަތްތައް މެދު ކެނޑިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އޭސީސީން ބުނީ ބަލަމުުން އަންނަ މައްސަލައަކާ ގުޅިގެން އޭސީސީން ތިނަދޫ ކައުންސިލް އިދާރާ އަސް ވަދެ، އެ ކޮމިޝަނުން މައްސަލައާ ގުޅޭ ތަކެތި ގެންދިޔަ ކަމަށެވެ.

ނަމަވެސް އޭސީސީން ބަލަމުން ދަނީ ކައުންސިލާ ގުޅޭ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.

ތިނަދޫ ސިޓީ ކައުންސިލް އިދާރާ އަށް އޭސީސީން ވަދެ ބައެއް ތަކެތި ގެންގޮސްފައިވާ އިރު، އެ ސިޓީގެ މޭޔަރު މޭޔަރު ސަޢުދު އަލީ ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް، އޭސީސީ އަށް މި މަހުގެ 15 ގައި މައްސަލައެއް ހުށަހަޅާފައިވެ އެވެ.

އެ މައްސަލައިގައި ބުނެފައި ވަނީ ތިނަދޫގެ ބަނދަރުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބެހެއްޓި މޮނިއުމަންޓު ހެދުމަށް ވާއްޓޭ އިންވެސްޓުމަންޓަށް ނޭނގި، އެ އިންވެސްޓުމަންޓްގެ ނަމުގައި ބިޑު ނަގައިގެން އެ މަސައްކަތް ތިނަދޫ ސިޓީ ކައުންސިލްގެ މުވައްޒަފުން ލައްވައި ކުރުވާފައިވާ ކަމަށެވެ.

އެގޮތުން އެ މޮނިއުމަންޓުގެ މަސައްކަތް ތިނަދޫ ފުލެޓުތައް ކައިރީ އޮންނަ ކައުންސިލްގެ ބިމެއްގައި ކުރުވި ކަމަށާއި ވާއްޓޭ އިންވެސްޓްމަންޓުގެ ނަމުގައި ބިލުކޮށްގެން އެ އިންވެސްޓުމަންޓުގެ ލިޔުމެއް ނެތި އެހެން ފަރާތެއްގެ އެކައުންޓަށް މަސައްކަތުގެ ޕޭމަންޓު ޖަމާކޮށްފައިވާ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭސީސީ އަށް ހުށަހެޅި މައްސަލައިގައި ބުނެގައި ވަނީ ކައުންސިލްގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުން އެ ޕޭމަންޓު ޖަމާކޮށްފައި ވަނީ ޝޮމާސާ އިންވެސްޓުމަންޓްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ. އަދި ޝޮމާސާ އަކީ މޭޔަރު ސައުދުގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށެވެ.