Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ނިހާދު ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑްކޮށްފައި ހުރި މުހައްމަދު ނިހާދަށް ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި އެވެ.

އޭނަ އަކީ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ފޭދޫ ދާއިރާ ތަމްސީލު ކުރެއްވި މެންބަރެވެ. ނިހާދު އެ ޕާޓީން ވަކިވެވަޑައިގެން ވެރިކަން ކުރާ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.

އޭނަ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ސަސްޕެންޑްކުރީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގަ އެވެ. އެއީ އެ މަހުގެ 23 ވަނަ ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އެ ޖަލްސާގައި ނިހާދު ވަނީ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ހަމަލާއެއް ދޭން އެމްޑީޕީން ރާވަމުންދާ ކަމަށް ބުނެ، ޓޫރިސްޓުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ފަދަ ވާހަކަތަކެއް ދައްކަވައިފަ އެވެ.

އެނގިފައިވާ ގޮތުގައި ނިހާދު ފިނޭންސްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރީ މިދިޔަ ހަފުތާގެ ބުރާސްފަތީގަ އެވެ. އޭނަ އަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދިނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.