Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ތިނަދޫ ކައުންސިލްގެ އަމަލާ މެދު ކަންބޮޑުވޭ: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ގުޅޭ ގޮތުން ތިނަދޫ ސިޓީ ކައުންސިލުން ސޯޝަލް މީޑިއާގައި ފަތުރާފައި ވަނީ ދޮގު މައުލޫމާތު ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ތިނަދޫ ކައުންސިލުން މިއަދު ވަނީ އޭސީސީގެ ބަޔަކު ކަމަށް ބުނެ ކައުންސިލް އިދާރާ އަށް ވަދެ އެތަނުން ގިނަ ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ އިރު، ބައެއް ހިދުމަތްތައް ވެސް ހުއްޓިފައިވާ ކަމަށް ބުންޏެވެ.

މިކަމާ ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅިގެން އިއްޔެ އެ ކޮމިޝަނުގެ ޓީމެއް އެ ސިޓީ ކައުންސިލްގައި މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިޔައީ ގާނޫނުއަސާސީ އާއި އޭސީސީގެ ގާނޫނުގެ ދަށުން، ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށް ފަހު ކަމަށް ވެސް ބުންޏެވެ.

އޭސީސީން ބުނީ، ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދުމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިފައި ނުވާ ކަމަށާއި އޭސީސީއާ ގުޅޭ ގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު މައުލޫމާތުތަކާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ތިނަދޫ ކައުންސިލާ ގުޅޭ ގޮތުން ބަލަމުން އަންނަނީ ކޮން މައްސަލައެއް ކަމެއް އޭސީސީން ހާމައެއް ނުކުރެ އެވެ.