Last Updated: April 19, 18:47
Saturday, April 19, 2025
ރިޕޯޓް

މިއަދުގެ ހާއްސަ: ފަޅޯ ހެއްދުން

ފަޅޮލަކީ ރާއްޖޭގެ މާހައުލުގައި ވަރަށް ފަސޭހައިން ހެދޭ ބާވަތެކެވެ. ހަށިގަނޑަށް ބޭނުންވާ އެކި ކާނާގެ މާއްދާތައް ލިބުމުގެ އިތުރުން، ފަޅޮލަކީ ވިޔަފާރިއުސޫލުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް އެންމެ ރަނގަޅު އާމްދަނީ އެއްވެސް ލިބޭ އެއް ބާވަތެކެވެ. ބަލަހައްޓަން ފަސޭހަ، ނިސްބަތުން ބަލިތަކާއި ފަނިފަކުސާ އަދި ސޫފާ ސޫފީގެ ސަބަބުން ލިބޭ ގެއްލުން ކުޑައެވެ.

ބިން ތައްޔާރު ކުރުން:

ފަޅޯ އިންދުމަށް އެންމެ އެކަށީގެން ވަނީ ރަނގަޅަށް ފެން ހިނދޭ، ގުދުރަތީ ކާނާ ގިނައިން އެކުލެވޭ ބިމެކެވެ. ރާއްޖޭގައި އާންމުކޮށް ހައްދާ ރެޑް ލޭޑީ ފަޅޮލާއި، ހޮލެންޑު ފަޅޯ ވެސް އާންމު އުސޫލަކުން އިންދައި އުޅެނީ އެއް ދުރު މިނެއްގަ އެވެ. ދަނޑުގައި ފަޅޯ އިންދަން ފަށަންވާނީ ވަށައިގެންވާ ހޭޅި ގަސްތަކުން 15 ވަރަކަށް ފޫޓު ދުރުންނެވެ ނުވަތަ އެގަސްތަކުގެ މޫތައް ދަނޑުތެރެއަށް ވަނުން ކުޑަކުރުމުގެ ގޮތުން ދަނޑުގެ ބޯޑަރެއް ކޮނެލައި، މޫތައް ކަނޑާލެވިދާނެ އެވެ.

ވަޅު ތައްޔާރު ކުރާނީ ވަޅުގެ އަނގަމަތީ 2×2 ފޫޓު ހުންނާނެ ވަރަށެވެ އަދި އަލަށް ފަށާ ބިމެއްނަމަ، އަޑިއަށްވެސް 2 ފޫޓަށް ކޮނެލައި ބޮޑެތި ގަލާއި ގަސްގަހުގެ މުލާއި، ދޮންފަސް ނަގައި ދަނޑުން ބޭރުކޮށްލަން ވާނެ އެވެ.

ވަޅު ތައްޔާރު ކުރާ އިރު ކޮންމެ ވަޅަކަށް 6-8 ކިލޯގެ ކާދު އެއްކުރެވި ދާނެ އެވެ. އަދި ގަސްތައް ހެދެން ފެށުމުން ކޮންމެ 3 މަހަކުން 2-3 ކިލޯގެ ކާދު އެޅިދާ ނެއެވެ. ދަނޑުގެ ލޭއައުޓް ތައްޔާރު ކުރާއިރު ދެ ގަސް ދޭތެރޭ، 8 ފޫޓު އަދި ދެ ބަރި ދޭތެރޭ 10 ފޫޓު ބެހެއްޓުމުން ރަނގަޅު ވާނެ އެވެ.

ނާސަރީ ކުރުން:

ފަޅޯ މުޑުވައްކުރުމަށްފަހު ނާސަރީގައި ގާތްގަނޑަކަށް 2-3 މަސް ހޭދަވެއެވެ. އަދި މި މަރުހަލާގައި ގަސް ގެންގުޅޭނީ ނާސަރީ ނެޓު ޖަހައި ކޮންމެވެސް ވަރަކަށް ހިޔާކޮށްލައިގެންނެވެ. ގަސްތައް ދަނޑަށް ބަދަލު ކުރާވަރަށް ބޮޑުވުމުން، ގަސްތައް އަތްވަށް ހާނާލުމަކީ މުހިންމުކަމެކެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް އަވީގައި ޖައްސާ ވަގުތު އިތުރު ކުރަމުން ދަނޑަށް ބަދަލު ކުރުމުން، ގަސް ފަސޭހައިން ރޯވާނެ އެވެ. ދަނޑަށް ބަދަލުކުރުމަށް ފަހު ފުރަތަމަ 3-5 ދުވަހު ފަން ހުނގުއްޔެއް ޖަހައި ނިވާ ކޮށްލުމަކީ ރަނގަޅު ކަމެކެވެ.

މުޑުވައް ކުރުން:

ރެޑް ލޭޑީ ނުވަތަ އެ ނޫން ވެސް އެފަދަ ހައިބްރިޑް ވެރައިޓީތައް ހައްދާ އިރު މުޑުވައް ކުރަން ރަނގަޅީ ތައްޔާރި ޕެކެޓްތަކުން ލިބޭ އޮށުންނެވެ. ރާއްޖޭގައި އާންމުކޮށް ހައްދާ ހޮލެންޑް ވެރައިޓީ އަކީ އޯޕަން ޕޮލިނޭޓަޑް ވެރައިޓީއެއް ކަމަށް ވުމުން، އޭގެ ފަޅޮލުން މުޑުވައް ނަގައިގެން ކާމިޔާބު ކަމާއިއެކު ހައްދައި އުޅެއެވެ. މިގޮތަށް އޮށް ނަގަން ރަނގަޅީ ގަހުގައި އިނދެގެން ދޮންވާ ފަޅޮލުންނެވެ.

އޮށްތައް ނެގުމަށް ފަހު ރީތި ފެންފޮދަކުން ދޮވެލައި، ވައިން ހިއްކާލުމަށް ފަހު، އެތެރެ ނުފެންނާނެ އެއްޗެއްގައި ބަންދުކޮށްލާފައި ފިނި ތަނެއްގައި ރައްކައު ކުރެވިދާނެ އެވެ.

ފަޅޯ މުޑުވައް ކުރާނީ ސީޑްލިންގް ޓްރޭ ނުވަތަ ނާސަރި ކޮތަޅުގައެވެ. ޓްރޭގައި މުޑުވައް ކުރާނަމަ، ބޭނުން ކުރާނީ ބޮނބި ކުނޑިއެވެ. ކޮތަޅުގައި މުޑުވައް ކުރަން ބޭނުންނަމަ، 3 ވެއްޔަށް 1 ކާދު އައި 1 ބޮނބިކުނޑީގެ ނިސްބަތުން ފަސް ތައްޔާރު ކުރުމަށްފަހު "6×"8 ސައިޒުގެ ކޮތަޅަށް ފަސްއަޅައި، އޮށް އިންދާނީއެވެ.

މެނޭޖް ކުރުން:

ފަޅޯ އިންދުމަށްފަހު ގަހަށް ރަނގަޅަށް ފެންދީ ބަލަހައްޓަން ވާނެއެވެ. މިއީ ބޮޑެތި މޭވާ އަޅާ ގަހަކަށް ވުމުން ކޮންމެ ދުވަހަކުވެސް ބިމުން ފެން އެކީ ހިނދިގެން ނުދާނޭ ވަރަށް ތެތްކަން ހިފަހައްޓަން ވާނެއެވެ. ގަޑިން ގަޑިއަށް ފެން ދިނުމުގެ އިތުރުން، ގަސް ވަށައިގެން މަލްޗު ކޮށްލުމަކީ ރަނގަޅު ކަމެކެވެ.

ގަހުގައި ފަޅޯ ޖަހަން ފަށާއިރު ބައެއް ފަހަރު ތަނޑިއަކުން 2-3 ފަޅޮ އަންނާނެއެވެ. ނަމަވެސް ފުރަތަމަ ވަރީގައި 2 ފަޅޯ ގިނަވެގެން ހަރުވިޔަސް، ދެން އަންނަ ތަނޑިތަކުގައި 1 ފަޅޯ ޖެއްސުމަކީ އެންމެ ރަނގަޅުގޮތެވެ. މީގެ ސަބަބުން ފަޅޮލުގެ ސައިޒު ރަނގަޅުވެ ކޮލިޓީ ހިފަހައްޓަން ފަސޭހަވެއެވެ. ހަރުކުރާނެ ފަޅޯ ހިޔާރު ކުރާނީ އެ ތަނޑިން އަންނަ ފަޅޮލުގެ ސައިޒު، ބައްޓަން އަދި ހެދެމުންދާ ގޮތަށް ބަލާފައެވެ.

ފަޅޯ ކެނޑުން:

ފަޅޯ ކަނޑަން އެންމެ ރަނގަޅީ ފަޅޮލަށް ދޮންކުލަ އަރަން ފެށުމުންނެވެ. އުފުލަން ޖެހޭ ދުރު މިނަށް ބެލުމަށް ފަހު ދޮންކުލަ އަރާ ނިސްބަތް ތަފާތު ކުރެވި ދާނެ އެވެ. ދުރު މާކެޓްތަކަށް ފޮނުވާއިރު، ފުރަތަމަ ދޮންކުލައިގެން ނިޝާން ފެންނަތަނުން ކެނޑިދާނެއެވެ. ގޭގައި ކާން ބޭނުން ކުރަން ނަމަ، އެއްކޮށް ދޮންވަންދެން ވެސް ގަހުގައި ބޭންދިދާނެ އެވެ.

ރާއްޖޭގައި ގިނަ ދަނޑުވެރިން ފަޅޯ ކަނޑަނީ އަތުން ބިނދެގެންނެވެ. މިއީ ފަޅޮލަށް އެންމެ ޑެމޭޖް ކުޑަކޮށް މިކަން ކުރެވޭނެ ގޮތެވެ.

ދަނޑި ފަދަ އެއްޗެހިން ޖަހައި ބިންމައްޗަށް ވައްޓައިލުމަކީ ރަނގަޅު އާދައެއް ނޫނެވެ. ފަޅޯ ކެނޑުމަށްފަހު ފެނުން ދޮވެލައި ފިނި ތަނެއްގައި ރައްކާކުރުމުން، ގިނަ ދުވަހު ކޮލިޓީ ހިފަހައްޓަން ފަސޭހަ ވެއެވެ.

މައުލޫމާތު: ދަނޑުވެރިޔާ.ގަވް،އެމްވީ