އޯޓީޕީ ކޯޑު ބޭނުންކޮށްގެން އެކި ފަރާތްތަކުގެ އެކައުންޓު ހެކްކުރަމުންދާ މައްސަލަތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކޮށް، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް މުއައްސަސާތަކާއި ދައުލަތުގެ އެކި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކުން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރިވެ، އެފަަދަ މައްސަލަތައް ރިޕޯޓުކުރާ އަދަދު ވަނީ އިންތިހާއަށް މަދުވެފަ އެވެ.
އޯޓީޕީ އޮތަންޓިކޭޝަނަކީ އެކައުންޓުގެ ސެކިއުރިޓީއަށް މުހިންމު ފީޗާއަކަށްވާ އިރު، އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް މިވަނީ މިހާރު ތައާރަފުވެފަ އެވެ. މި ޓެކްނޮލޮޖީ އުފެއްދި ފަރާތުން ބުނާ ގޮތުގައި މިއީ އޯޓީޕީއަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑެކެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި މި ބަދަލާއެކު ސްކޭމްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިންތިހާއަށް އިތުރުވެގެން ދާނެ އެވެ.
އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތައާރަފުވެފައިވާ އިރު ގިނަ ކުންފުނިތަކުން މި އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމަ އޮތަންޓިކޭޝަން މިހާރު އެދަނީ ބަދަލު ކުރަމުންނެވެ. ނަމަވެސް ފްލޭޝް ކޯލްސް އަކީ ކީއް ކުރާ، ކޮން ގޮތަކަށް މަސައްކަތް ކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު މި ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
ފްލޭޝް ކޯލްސް އަކީ ކޮބާ؟
ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑް (އޯޓީޕީ) ގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ، އޮތަންޓިކޭޝަން މެތަޑެކެވެ. ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ހިޔާރުކުރަން ފަށާފައި ވަނީ އޯޓީޕީ އަކީ އެސްއެމްއެސްގެ ޒަރީއާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީ އާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސްއެމްއެސް އަށް ކަސްޓަމަރު އަތުން އަގެއް ނަގާތީ އެވެ.
މީގެ އިތުރުން އެސްއެމްއެސްގެ ޒަރީއާއިން އޯޓީޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތައް އޯޓީޕީ ރައްދުވުމުގައި ވެސް ލަސްތަކެއް އުޅޭތީ ކަމަށް ވެއެވެ.
ނަމަވެސް ފްލޭޝް ކޯލްސް ތަފާތެވެ. ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީ އެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސް ވެސް މެ އެވެ. ފްލޭޝް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެއްވެސް ފަރާތަކާ ހިއްސާކޮށްފިނަމަ ތިޔަ ހިއްސާކުރެވެނީ ހަމަ އޯޓީޕީއާ އެއްވަރުގެ ކޯޑެކެވެ.
ޓެކްނޮލޮޖީއަށް މިއައި ބަދަލާއެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުން ކުރަން ފަށާފައިވާ އިރު، ސްކޭމަރުން ސްކޭމްކުރަން ގެންގުޅޭ އުކުޅު ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓުތައް ހިސޯރުކުރަން ވަނީ ފަށާފަ އެވެ.
އެހެންކަމުން ފްލޭޝް ކޯލްސް އަކީ ކޮބައިކަމާއި، ފްލޭސް ކޯލްސް މަސައްކަތް ކުރާ ގޮތް ދެނެގަންނާނެ ގޮތްތައް ދިރާސާކޮށް ހޭލުންތެރި ބަޔަކަށް އަޅުގަނޑުމެން އެންމެން ވާން އެބަޖެހެ އެވެ. އަދި އިތުރު އެއްވެސް ފަރާތަކަށް، ތިމާގެ ފޯނަށް ލިބޭ ކޯޑެއް ވެސް އަދި ގުޅާފައި އޮތް ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރައްވާށެވެ.
ފްލޭޝް ކޯލްސްއަކީ ކޮބައިކަން ތިމާގެ އާއިލާ މީހުންނާއި ރަހުމަތްތެރިންނަށް ކިޔައިދީ ފްލޭޝް ކޯލްސްއާ މެދު ހޭލުންތެރި ބަޔަކަށް އެންމެން ވެސް ހެދޭތޯ ފަރުދީ ހައިސިއްޔަތުން މަސައްކަތް ކުރަމާ ހިނގާށެވެ.
ނޯޓް: މިއީ ފުލުހުންގެ އާޓިކަލެކެވެ.