އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފް އަބްދުއްރަހުމާން ޔޫސުން އައްޔަންކޮށްފި އެވެ.
އޭނަ އެ ކުންފުނީގެ ބޯޑަށް އައްޔަންކުރުމާ ގުޅިގެން އެމްޓީސީސީން ވަނީ މަރުހަބާ ވެސް ކިޔައިފަ އެވެ.
ޝަރީފަކީ މިދިޔަ ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ ނަން-އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އެމްޓީސީސީ އަށް އިތުރު ޑީއެމްޑީއަކު އައްޔަންކުރި އިރު، އެ މަގާމުގައި މުހައްމަދު ޖަމްޝީދު ވެސް އެބަ ހުންނެވި އެވެ.
އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު ސައުދީ އެވެ.
މީގެ އިތުރުން ޑިރެކްޓަރުންގެ ގޮތުގައި އަލީ ނާއިލާއި ސިނާން އަލީގެ އިތުރުން ރައްޔިތުންގެ ފަރާތުން އައްޔަންކޮށްފައިވާ ނަން-އެގްޒެކިއުޓިވް އިންޑިޕެންޑެންޓް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ ނަސްރަތު މުހައްމަދާއި މުހައްމަދު އިމްރާން އަދުނާނެވެ.