ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ޕްރޮގްރާމްގެ ދަށުން ހުޅުދޫގައި އަޅަން ހަމަޖެހިފަިވާ ފްލެޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ހުޅުދޫ މާފިށި ސަރަހައްދުގައި އަޅަން ނިންމާފައިވާ 48 ފްލެޓް އެޅުމަށް އެ ސަރަހައްދު މިހާރު ވަނީ ސާފުކޮށް ނިންމައިފައެވެ.
މި މަޝްރޫއުގެ ކޮންޓްރެކްޓަރު ޗައިނާގެ ނެޝަނަލް މެޝިނަރީޒް އެންޑް އިކްޕްމަންޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން (ސީއެމްއީސީ) އިން ވަނީ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނާއި މީހުން ވެސް މިހާރު ސައިޓަށް ގެނެސްފައެވެ.
20 އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ހަލާސް ކުރާ ގޮތަށް ޗައިނާގެ އެގްޒިވް ބޭންކުގެ ލޯން އެހީގެ ދަށުން ސަރުކާރުން ހުޅުދޫގައި އަޅާ 48 ކޮޓަރި ހިމެނޭ ފްލެޓް އިމާރާތްތައް އެޅުމަށް ހަމަޖެހިފައިވަނީ ހެރަތެރެއަށްދާ ސަރަހައްދުގައި އޮންނަ ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ދެކުނުން އޮތް ހުސްބިމުގައެވެ.
ސީއެމްއީސީގެ ފަރާތުން ފޭދޫގައި އަޅާފައި ހުރި ޔުނިޓްތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާތައް އެތަނުގައި ދިރިއުޅެމުން އަންނަ މީހުން ދަނީ ކުރަމުންދާ އިރު ހިތަދޫގައި ވެސް ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް އެކުންފުނީގެ ފަރާތުން ގެންދަނީ ކުރަމުންނެވެ.
ފްލެޓް އިމާރާތްތައް ހުޅުދޫގައި އެޅުމުގެ މަސައްކަތް ފަށާފައިވާއިރު އައްޑުއަތޮޅުގައި މީހުން އުޅޭ ރަށްރަށުގެ ތެރެއިން އެންމެގިނަ ފަޅުގޯތިތައް ހުންނަނީ ހުޅުދޫގައިކަން ފާހަގަކޮށްލަންޖެހެއެވެ. ހުޅުދޫގައި ފަޅުގޯތިތައް ގިނަވެފައިވަނީ ކޮންމެ އަހަރަކުވެސް ހުޅުދޫގެ އެތައް އާއިލާއެއް މާލެއަށް ހިޖުރަކުރަމުން ގޮސްފައިވާތީއެވެ.