ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެ މަގާމުން މިއަދު ވަކިކޮށްފި އެވެ.
އޭނަ އެ މަގާމުިން ވަކިކޮށްފައި މި ވަނީ ރާއްޖެ އިން ބޭރަށް ރަސްމީ ދަތުރުތައް ވެސް ކުރެއްވުން ހުއްޓަވާލައްވަން މިދިޔަ ހަފުތާގެ ތެރޭގައި ރައީސް އޮފީހުން އަންގާފައި ވަނިކޮށެވެ. ފައިސަލް މިނިސްޓަރު ކަމަށް އައްޔަންކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާކުރެއްވި ދުވަސް ކަމަށްވާ ނޮވެމްބަރު 17، 2023 ގަ އެވެ.
ފައިސަލް މިނިސްޓަރުކަމުން ވަކިކުރެއްވުމަށް ފަހު، އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން މިހާރު ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ހަވާލުކޮށްފަ އެވެ.
ފައިސަލަކީ ރައީސް މުއިއްޒުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލެކެވެ. ފައިސަލް މަގާމުން ވަކިކުރި އިރު، ރައީސާއި އަބްދުއްރަހީމްގެ ގުޅުން މި ފަހުން ވަރަށް ބޮޑަށް ގޯސްވެފައިވާކަމުގެ އަޑުތަކެއް ވެސް އަރާފައިވެ އެވެ.
ފައިސަލް މަގާމުން ވަކިކުރި އިރު، އޭނަ އަކީ މި ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން ފެށުނީއްސުރެ އެންމެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ މިނިސްޓަރުކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ފައިސަލަށް ރަނގަޅަށް އިނގިރޭސީން ވާހަކަ ދައްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެއީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް ވެސް ހުތުރެއް ކަމަށް ބުނެ ފައިސަލަށް ވަރަށް ބޮޑަށް މަލާމާތާއި ފުރައްސާރަ ވެސް އަމާޒުވެފައިވެ އެވެ.
މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފައިވާ އިރު، ރައީސްގެ ކެބިނެޓަށް މިހާތަނަށް އެކި ފަހަރު މަތިން ބަދަލުތަކެއް ގެނެސްފައިވެ އެވެ.