Last Updated: November 25, 20:21
Monday, November 25, 2024
ޚަބަރު

ގަމުގައި ހިންގާ ފިހާރަތަކުން ވައްކަން ކުރި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އައްޑޫ ސިޓީ، ގަން ޕޮލިސް ސްޓޭޝަން. ފޮޓޯ: މުހުތާޒް އާދަމް

އައްޑޫ ސިޓީ، ގަމުގައި ހިންގާ ބައެއް ފިހާރަތަކުން ވައްކަން ކުރި ބިދޭސީ އަކު ގަން ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާންމު ރައްޔިތުންގެ އެހީތެރިކަމާއި އެކު ބިދޭސީ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ގަމުގައި ފިހާރައެއް ހިންގާ މީހަކު، 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި ބިދޭސީ މީހާ ވައްކަން ކުރަން ފިހާރައަކށް ވަދެ އޮތްވައި ފެނުނީ އެ ފިހާރައިގެ ސޭޓަށް ކަމަށެވެ.

" އިއްތިފާޤަކުން ފިހާރައިގެ ސޭޓު ކޮންމެވެސް ކަމެއްގައި ފިހާރައަށް ވަން ގަޑީގައި މި ސޮރު ވައްކަން ކުރަން ވަދެ އޮތްވައި ފެނުނީ. ސޭޓު ވަނުމާއި އެކު އޭނާ ވަނީ ފިހާރަތެރޭގައި ހުރި އެއްޗެހ އުކައި މާރާމާރީ ހިންގުމަށް ފަހު އެތަނުން ފިލާފައި. އޭނާ އަތުލައިގަތީ ފިލަން ދުވަނިކޮށް."، ގަމުގައި ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.

ގަމުގައި ހިންގާ 3 ފިހާރައަކުން ރޭ ވަނީ ވައްކަން ކޮށްފައިވާއިރު އެ ވައްކަމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ އިތުރުން އެހެން ބަޔަކު ވެސް ޝާމިލުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ގަމުގައި ފިހާރަތައް ހިންގާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ވައްކަން ކުރަން އޮތްވައި އަތުލައިގަތް ބަންގްލަދޭޝް މީހާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.