ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކުރިމަތީގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަކީ ވެސް ޓޮއިލެޓް ޕޭޕަރެއްކަން މިއަދު ސާބިތުވެއްޖެ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
އަދުރޭގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން މިއަދު ވަކިކޮށްފައިވާތީ އެކަމާ ގުޅުވައި ޖަމީލު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މިއަދު މި ފެނުނީ އަދުރޭ ޖެއްސެވި ހިސާބަށް ވީ ގޮތް ކަމަށެވެ.
އޭނަ ވިދާޅުވީ ޕީޕީއެމް އަދުރޭގެ އަތަށްދީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަކަރު ހަދައި ލަނޑުދީ އަނިޔާވެރިވީ ބާރުގެ ދަހިވެތިކަމުގައި ކަމަށެވެ.
"ޕީޕީއެމް ނެތިކޮށް ރައްޔިތުންގެ މަޖްލިސް މުއިއްޒު މުށުތެރެއަށްލީ އެމީހުން ލައްވާ. ފައިސަލަ ށްފަހު، މިއަދު ޢައްސާން، ޝިޔާމް، ސައީދު އެންމެންގެ ސަވައިވަލް އޮތީ މުއިއްޒުގެ ބޫޓްގައި ދޫލައިގެން،" ޖަމީލު ވިދާޅުވި އެވެ. "މިއަދު ޕާޓީ އޮތީ މުއިއްޒު އަތުގައި،
މަޖލިސް މެމްބަރުންނަކީ މުއިއްޒުގެ އަޅުން."
އޭނަ ވިދާޅިވީ މިއަދު މި ފެނުނު މަންޒަރުން ވެސް އެނގުނީ އަސް ވިއްކިޔަސް ލަގަން ދޫކޮށްގެން ނުވާނެކަން ކަމަށެވެ.
"މިއަދު އަދުރޭ ވިޔަސް މެމްބަރުން ވިޔަސް މުއިއްޒު ކުރިމަތީ ތިޔައީ ހަމަ ޓޮއިލެޓް ޓިޝޫ ޕޭޕަރުތަކެއް." ޖަމީލު ވިދާޅުވި އެވެ.