ހއ. މުރައިދޫ ކައުންސިލް އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.
އާ އިމާރާތުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މިއަދު ތިލަދުންމައްޗަށް ފެއްޓެވި ދަތުރުގެ ތެރެއިންނެވެ.
މުރައިދޫ ކައުންސިލް އާ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
ފަންސާސް ފަސް ރަށެއްގެ ކައުންސިލް އާ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ އިރު، އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަ ގްލޯބަލްއާ އެވެ.
އެ ކުންފުންޏާ ކައުންސިލް އިމާރާތްތައް ހަދަން ހަވާލުކޮށްފައި ވަނީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުންނެވެ. މަޝްރޫޢު ހަވާލުކޮށްފައި ވަނީ 2 އަހަރާއި 6 މަސްތެރޭ ނިންމާ ގޮތަށެވެ.
ހެކްސްޓާގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި ވެސް 50 ކައުންސިލެއްގެ އިމާރާތް އަޅަން ނިންމާފައިވެ އެވެ.
މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެއް ބަހައްޓަން ވެސް އެ ބޭންކާއި ކައުންސިލާ ދެމެދު މިއަދު ސޮއިކޮށްފައިވެ އެވެ.