Last Updated: April 21, 22:45
Monday, April 21, 2025
ޚަބަރު

ފައިސަލާ މެދު ފަހުރުވެރިވަން: އަބްދުއްރަހީމް

ޓޫރިޒަމް މިނިސްޓަރުކަމުން މިއަދި ވަކިކުރި އިބްރާހީމް ފައިސަލަކީ މަގާމުގައި ހުންނަވައިގެން ނަތީޖާ ނެރެދެއްވި ބޭފުޅެއް ކަމަށާއި ދަރިކަލުންނާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ފައިސަލް މަގާމުގައި ހުންމަވައިގެން ޚިދުމަތް ކުރީ އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކުގައި ކަމަށެވެ.

"ނަތީޖާ ނެރެ ދެއްކި. ދާއިރާގެ އިތުބާރާ ލޯބި ހޯދި،" އޭނަ ވިދާޅުވި އެވެެ. "މާތް الله ދަރިފުޅު ފައިޞަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރު ކުރައްވާ މާ އުޖާލާ މާދަމާއެއް ދައްކަވާށި. އާމީން."

ފައިސަލް މިއަދު ވިދާޅުވީ މަގާމުން ވަކިކރެއްވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވަކިކުރި ސިޓީގައި ވެސް ސަބަބެއް ހާމަކޮށްފައި ނެތް ކަމަށް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިހާރު ހުންނެވީ ސަރުކާރާ އެކީގައި ނޫން ކަމަށާއި އެކަމަކު ސިޔާސީ މަސައްކަތްތަކުގައި ގަދަކޮށް އުޅުއްވާނެ ކަމަށެވެ. މީޑީއަކަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ ސިޔާސީ ގޮތުން ދެން ކުރިއަށް ދާނެ ވަކި ގޮތެއް ނިންމަވާނީ ބައްޕަ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމާ މަަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.

ފައިސަލް ވިދާޅިވީ ސިޔާސީ މަސައްކަތުގައި މިހާރަށް ވުރެ ގަދަކޮށް ދެން ފެންނާނެ ކަމަށެވެ.