Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

"މަގޭ ސޯލާ" ރަސްމީކޮށް އިފުތިތާހުކޮށްފި

އިޔާދަކުރަނި ހަކަތަ އާންމުން ބޭނުންކުރާ މިންވަރު އިތުރު ކުރަން ސަރުކާރުން އިއުލާންކޮށްފައި އޮތް "މަގޭ ސޯލާ" ޕްރޮގްރާމް މިއަދު ރަސްމީކޮށް ހއ. ފިއްލަދޫގައި އިފުތިތާހުކޮށްފި އެވެ.

އެ އިފުތިތާހުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒި ތިލަދުންމައްޗަށް ފެއްޓެވި ދަތުރުގެ ތެރެއިން ދެވަނަ ރަށަކަށް ވަޑައިގެންނެވި ފިއްލަދޫގަ އެވެ.

"މަގޭ ސޯލާ" ޕްރޮގްރާމަކީ ރާއްޖޭގެ ކަރަންޓުގެ 33 ޕަސެންޓަކީ 2028 ވަނަ އަހަރާ ހަމައަށް އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ފިއްލަދޫގައި މި މަޝްރޫޢު ފެށުމާއެކު، ރަށުގެ ކަރަންޓުގެ ބޮޑު ބައެއް އިއާދަކުރަނިވި ހަކަތައިން އުފެއްދޭނެ ކަމަށް ބެލެވެއެވެ. މީގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވެ، ކަރަންޓުގެ ޚަރަދު ދަށްވާނެ ކަމަށް އުންމީދު ކުރެވެ އެވެ.

"މަގޭ ސޯލާ" ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.

މަޝްރޫޢުގެ ދަށުން ގިނަ ރަށްރަށުގައި ސޯލާ ޕެނަލް ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދާނެ އެވެ.

މި ސަރުކާރުން އިއާދަކުރަނިވި ހަކަތައަށް ދޭ އިސްކަމުގެ ތެރެއިން މި ފަދަ މަޝްރޫޢުތައް ކުރިއަށް ގެންދެވުމަކީ ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.

މި ލަނޑުދަނޑި ހާސިލްކުރެއްވުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް ގެންދަވަނީ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.