Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

އުތީމު ޕޮލިސް ޕޯސްޓްގެ ބިންގާ އަޅައިފި

ހއ. އުތީމު ޕޮލިސް ޕޯސްޓްގެ ބިންގާ މިއަދު އަޅައިފި އެވެ.

އެތަނުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސް ލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމައްޗަށް ކުރައްވާ ދަތުރުގެ ތެރެއިން މިއަދު ހަވީރު އެ ރަށަށް ވަޑައިގަތުމާ އެކީގަ އެވެ.

އުތީމް ޕޮލިސް ޕޯސްޓުގެ ބިންގާ އަޅުއްވައި ދެއްވީ ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނެވެ. އެ ރަސްމިއްޔާތުގައި އަރިހުގައި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއު އާއި އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވެސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެގޮތުން މި ސަރުކާރު އައި ފަހުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތްތައް ދެމުން ގެންދެ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ.

މިއަދު ހެނދުނު ހއ. މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ ވެސް އަޅާފައިވެ އެވެ.