ރާއްޖޭގެ އިސްލާމީ ކަންކަން ހިންގާ ބެލެހެއްޓެވުމުގެ ގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން އިސްލާމިކް މިނިސްޓްރީއެއް އުފައްދާފައި ވަނީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
ދިވެހި މުޖްތަމަޢަކީ އިސްލާމްދީނުގައި ސާބިތުވެތިބޭ، ދީނީކަންކަމުގައި ހޭލުންތެރި މުޖްތަމަޢަކަށް ހެދުމުގެ ތަސައްވުރުގައި އުފެއްދި މި މިނިސްޓްރީގެ މަސްއޫލިއްޔަތުގެ ތެރޭގައި ދީނީ ޝިޢާރު ފާޅުކުރުމާއި ދީނީ މަޢުލޫމާތު ދިނުމުގައި ފަސޭހަ ގޮތްތަކެއް ރާވައި ދީނީ އެއްބައިވަންތަކަމާއި، ހޭލުންތެރިކަން ދިވެހިންގެ މެދުގައި އިތުރުކުރުން ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީ ވުޖޫދަށް އައުމަށްފަހު ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާތަކަށް އެހީތެރިކަން ލިބެން ފެށުމުގެ ނަތީޖާއަކަށް ވެގެން ގޮސްފައިވަނީ ރާއްޖޭގައި އެފަދަ އެތައް ޖަމިއްޔާތަކެއް އުފެއްދުމަށް ލިބިގެން ދިޔަ ހިތްވަރެއް ކަމުގައެވެ.
ރާއްޖޭގެ މަޝްޙޫރު ދީނީ އިލްމުވެރިން ވެސް ތަފާތު އެކި ޖަމިއްޔާތައް އުފައްދައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އަންނަނީ ހިންގަވަމުންނެވެ. ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީތަކާއި އެކު މިފަދަ ޖަމިއްޔާތަކުގެ ހަރަކާތްތައް ކުރިއަށް ގެންދާއިރު، ދިމާވަމުންދާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ނަންގަވަން ޖެހޭ މުއައްސަސާއަކީ އިސްލާމިކް މިނިސްޓްރީއެވެ.
ބައެއް ފަހަރަށް ސިޔާސީ ދެބަސްވުންތަކާއި ހުރެ ބައެއް ރަށްރަށަށް ދީނީ އިލްމުވެރިންނަށް އެރުމުގެ ފުރުސަތު ކައުންސިލްތަކުން ނުދިނުމާއި، ދަރުސްތައް ކުރިއަށް ގެންދަނިކޮށް މިސްކިތްތަކުން ކަރަންޓު ކަނޑާލުން ފަދަ އަމަލްތައް ބައެއް ފަރާތްތަކުން ހިންގަމުންދާއިރު އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެކަށީގެންވާ ފިޔަވަޅެއް އަޅަމުން ނުގެންދާ ކަން ފާހަގަކޮށްލެވެއެވެ.
ދީނީ ހޭލުންތެރިކަން އިތުރުކުރަން "ދަ މެސެޖް"ގެ ނަމުގައި ސިލްސިލާއެއް ފެށުން ވެގެން ގޮސްފައިވަނީ އިސްލާމިކް މިނިސްޓްރީގެ ހަޔާތުގައި ފެށި އެންމެ ކާމިޔާބު ޕްރޮގްރާމަށެވެ. އެ ޕްރޮގްރާމްގެ ކާމިޔާބުކަން ދަރުސްތައް އަޑު އަހަން ހާޒިރުވާ މީހުންގެ އަދަދަށް ބަލާލި ކަމުގައި ވިޔަސް ފެނިގެންދާނެއެވެ.
ރާއްޖެއިން ބޭރުގެ މަޝްހޫރު ދާޢީން ގެނެސްގެން ކުރިއަށް "ދަ މެސެޖް" ޕްރޮގްރާމް ފެއްޓި އިރު އިސްލާމިކް މިނިސްޓަރ ކަމުގައި ހުންނެވި ޑރ. ޝަހީމް އަލީ ސަޢީދު ވަނީ ދަރުސްތައް ޕްރޮމޯޓްކުރުމަށް އަމިއްލަފުޅަށް ވެސް ޓްވިޓާ އަދި ފޭސްބުކްގައި ވެސް ދަރުސް އިޝްތިހާރުކުރައްވާފައެވެ. އަދި ޕޯސްޓަރުތަކާއި ބެނާތައް މިނިސްޓްރީގެ ފަރާތުން ހަރުކޮށްގެން ވެސް ދަރުސް ޕްރޮމޯޓްކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ.
"ދި މެސެޖް" ސިލްސިލާގެ ދަށުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ދަރުސް އިންތިޒާމް ކުރުމުގައި އާއި ދަރުސް ޕްރޮމޯޓް ކުރުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައި ނުވާތީ އެކަމާއި މެދު ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވެސް ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.
"އަޅުގަނޑުމެން އެންމެ ހައިރާންވި ކަމަކީ، އުދަ އަރާފާނެތީ ކަމަށް ބުނެ ދަރުސް އިސްލާމީ މަރުކަޒަށް ބަދަލު ކުރުން. އެކަން އެހެން ކުރީ ހަމަ އެގަޑީގައި ހަވާއެރުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ ކަމަށް ޤަބޫލުކުރެވެނީ." ، އިސްލާމިކް މިނިސްޓްރީގައި މަސައްކަތްކުރާ މުވައްޒަފަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުންޏެވެ.
މީގެ އިތުރުން ދަރުސް ބޭއްވި ގަޑީގައި ހުޅުމާލޭގައި ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް މިއުޒިކާއި ހަވާއެރުވުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އިރު އެކަމުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ނަމަވެސް އިރު ދަރުސް އަށް ހާޞިރުވެވަޑައިގެންފައި ނުވާތީ އެކަމާއި މެދު ވެސް ބައެއް އިލްމުވެރިން ފާޑުކިޔާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
"މީސްތަކުންނަށް ނަމޫނާއެއްގެ ގޮތުގައި ތިބި މީހުން، ދީނުގައި ހަރާމްކުރައްވާފައިވާ ނާޗަރަންގީ ކުޅޭތަން ބަލަންދާ ރައްޔިތުންނާއި އެކު ބައިވެރިވެފައި، ދުނިޔޭގެ ނަން މަޝްހޫރު ދީނީ ދަންނަ ބޭކަލުން ދެއްވާ ދަރުސްތައް ބަލަންދާ ރައްޔިތުންނާއި އެކު ބައިވެރިނުވާ ނަމަ އެ ދެއްކެނީ ރިވެތި ނަމޫނާ އެއް ނޫން "، މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އަޙްމަދް ސަމީރް އެބޭފުޅާގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.
"މީސްތަކުންނަށް ނަމޫނާއެއްގެ ގޮތުގައި ތިބި މީހުން، ދީނުގައި ހަރާމްކުރައްވާފައިވާ ނާޗަރަންގީ ކުޅޭތަން ބަލަންދާ ރައްޔިތުންނާއި އެކު ބައިވެރިވެފައި، ދުނިޔޭގެ ނަން މަޝްހޫރު ދީނީ ދަންނަ ބޭކަލުން ދެއްވާ ދަރުސްތައް ބަލަންދާ ރައްޔިތުންނާއި އެކު ބައިވެރިނުވާ ނަމަ އެ ދެއްކެނީ ރިވެތި ނަމޫނާ އެއް ނޫން " – ޝެއިޚް އަޙްމަދް ސަމީރް.
ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއިން ހަވާ އެރުވުމަށް އެކަނި ދިޔަ ޚަރަދަށް ވުރެ، "ދަ މެސެޖް" ސިލްސިލާގެ މިފަހަރުގެ ދަރުސް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީ އިން ކުރި ޚަރަދު ކުޑަކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް ވަނީ އެނގިފައެވެ.
"ދަ މެސެޖު" ޕްރޮގްރާމުގެ ދަށުން ރާއްޖެ ވަޑައިގަންނަވާ ބޭރުގެ ބައެއް އިލްމުވެރިން ވަނީ އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުނަމާދު ވެސް ކުރައްވާފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އަލްކައުސަރާއި އިސްލާމިކް އެޑިއުކޭޝަން އެންޑް ރިސާޗް އެކަޑެމީގެ އިންސްޓަރްކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ، ދުނިޔޭގައި މިވަގުތު ތިބި އިސްލާމްދީނުގެ އެންމެ މަޝްހޫރު ދާޢިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހަމްޒާގެ މިދަތުރުފުޅުގައި އެކަން ހިމަނާފައެއް ނުވެއެވެ.
ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ "ދަ މެސެޖް" ޕްރޮގްރާމް ފެށިގެން އައި އިރު ވަރަށް ވެސް ރަގަޅަށް އިޝްތިހާރު ކުރެވެމުން ދިޔަ ނަމަވެސް މިހާރު އެކަން ފެންނަމުން ނުދާކަން ފާހަގަކޮށްލެވެއެވެ. އެކަމުގެ ޒިންމާ އުފުލަންޖެހޭ އިސްލާމިކް މިނިސްޓަރުގެ ފަރާތުން އެބޭފުޅާގެ ޒިންމާ އެންމެ އެކަށީގެންވާ ގޮތެއްގައި އުފުލަމުން ނުގެންދަވާ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.
"އަމާ ބުނީތީ ފަރަށް ދާ އުސޫލުން" ދީނީ ދަރުސްތައް އިންތިޒާމްކުރުމުގެ ބަދަލުގައި ތަންކޮޅެއް ޒިންމާދާރު ގޮތެއްގައި ދީނީ ދަރުސްތައް އިޝްތިހާރުކޮށްގެން ބޭއްވޭނެ ފަދަ ގޮތެއް އިސްލާމިކް މިނިސްޓްރީ އިން ހަމަޖައްސަން އެބަޖެހެއެވެ. ސަރުކާރުގެ އިސްވެރިން ދީނީ ދަރުސްތަކަށް ނުގޮސް މިއުޒިކް ޝޯވް ތަކާއި ހަވާއަރުވާތަން ބަލަން ދިއުމަކީ އަދި ވަކި މައްސަލައެކެވެ.