އެންއެފްޓީ ސިސްޓަމް:
ހައިޑްރޮޕޯނިކްސް ނުވަތަ ފެނުގައި ގަސް ހައްދާ ނިޒާމު ތަކުގެ ތެރެއިން ޑީޓެއިލްޑް ނިއުޓްރިއަންޓް ފިލްމު ޓެކްނިކް (އެންއެފްޓީ) ސިސްޓަމް އަކީ ތުނި ކާނާ ފެން ފަށަލައެއްގެ އެހީގައި ގަސް ހައްދާ ގޮތަށް ފަރުމާ ކުރާ ނިޒާމް ތަކެވެ. މައިގަނޑު ގޮތެއްގައި މިފަދަ ނިޒާމްތައް ބޭނުން ކުރަނީ ފެނުގައި އުފެދޭ ހޫނު އަވަހަށް ފިލުވައިލުމަށާއި، އިސްރާފު ކުޑަ ކުރުމަށެވެ.
ސިސްޓަމް ތައްޔާރު ކުރުން:
އެންއެފްޓީ ސިސްޓަމެއް ތައްޔާރު ކުރާއިރު އެންމެ އިސްކަމެއް ދޭން ޖެހޭ އެއްކަމަކީ، ސިސްޓަމުގެ އެއްކޮޅުން ފެން އެޅި، އަނެއްކޮޅުން ފެންފައިބައިގެން އަނބުރާ ކާނާ ޓޭންކަށް ފެން ފައިބާ ގޮތަށް ފަރުމާ ކުރުމަށެވެ. އަދި ސިސްޓަމުގެ ތެރޭގައި ފެން ބަހައްޓާނެ ފުން މިން ކަނޑައަޅަން ވާނެ އެވެ. އާންމު އުސޫލަކުން 4-6 އިންޗި އާ ދެމެދު ފުންމިން ބެހެއްޓުމުން ރަނގަޅު ވާނެ އެވެ.
ގަސް ހައްދާ ސިސްޓަމުގެ ގޮތުގައި ފުޅިމަދު ފޮށި (ތިލަކޮށްފައި)، ޕީވީސީ ހޮޅި އަދި ތައްޔާރު ޗެނަލް/ގަލީ ސިސްޓަމްވެސް އެންއެފްޓީ އަށް ބޭނުން ކުރެވިދާނެ އެވެ.
ފެން ނުގުމަށް ބޭނުން ކުރާނީ އޮވަރހެޑް ޕަންޕެކެވެ. ޕަންޕުގެ ބޮޑު ކުޑަމިން ބިނާވާނީ، ސިސްޓަމުގައި އިންދާފައި ހުރި ގަހުގެ އިތުރުން، ފެން ނަގަން ޖެހޭ އުސްމިނަށެވެ. އާންމު އުސޫލަކުން 3-5 ފޫޓަށް ފެން ނަގައިދޭ އެކުއޭރިއަމް އޮވަރހެޑް ޕަންޕަކުން ކުދި ސިސްޓަމް ހިންގާލެވޭނެ އެވެ.
އެއްކޮޅަށް ފެންފަހިވާ ގޮތަށް ބެހެއްޓުމުގެ ބަދަލުގައި، ސިސްޓަމުގެ ހަރު ނުވަތަ ސްޓޭންޑް ތައްޔާރު ކުރަންވާނީ ލެވަލްކޮށެވެ. ބޭނުމަކީ އެތެރޭގައި ހުރިހާ ގަހެއްގެ މުލަށްވެސް އެއްވަރެއްގައި ފެނާއި ކާނާ ލިބޭ ގޮތަށް ބެހެއްޓުމެވެ.
ފެން:
ފެނުގައި ގަސް ހެއްދުމަށް އެންމެ އެކަށީގެންވާކަމަށް ރާއްޖޭގައި ފާހަގަ ކުރެވިފައިވަނީ ވާރޭފެނެވެ. މިއީ ސިސްޓަމު ހިނގުމުގެ ހަރަދަށާއި، ކާނާ އެއްކުރުމަށާއި، ގަހުގެ ހެދިބޮޑުވުމަށް ޖުމްލަކޮށް އެންމެ ރަނގަޅު ފެނެވެ. ވަޅު ފެނުގައި ހައްދާއިރު، އެހެނިހެން މައުދަންތައް ފެނުގައި ހިމެނުމުގެ ސަބަބުން، ކާނާ އެއްކުރާނެ މިންގަނޑާއި ޕީ.އެޗް ކަނޑައަޅަން އުނދަގޫވެ، ގަހުގެ ހެދުމަށް ނޭދެވޭ އަސަރު ކުރެއެވެ. އަދި މީގެ އިތުރުން ޕަންޕު ކަހަލަ ބައެއް އާލާތްތައް ފަސޭހައިން މައްސަލަ ޖެހެން ފަށައެވެ.
މުޑުވައް ކުރުން:
ސިސްޓަމުގައި އިންދުމަށް އޮށް މުޑުވައްކުރަން ރަނގަޅި ކުނޑި، ޖަރާސީމު އަދި ފަސް ނުހިމެނޭ އެއްޗެއްގައެވެ. މީގެ މައިގަނޑު ބޭނުމަކީ ސިސްޓަމުގެ ފެންގަނޑު ތަގައްޔަރު ވިޔަ ނުދިނުމާއި ސާފުތާހިރުކަން ދަމަހައްޓައި، ގަހަށް ޖެހޭ ބަލިތަކުގެ ފުރުސަތު ކުޑަ ކުރުމެވެ. އެގޮތުން އާންމުކޮށް މުޑުވައް ކުރަނީ ސްޕޮންޖުގަ އެވެ. އަދި ބައެއް ބާވަތްތައް ވާމިކިއުލައިޓް އަދި ޕާލައިޓްގެ މިކްސް އެއްގައި މުޑުވައް ކުރެވޭ އިރު، ކުދި ޕޮޓަށް ބޮނބި ކުނޑީ އަޅައިގެން ވެސް މުޑުވައްކުރަން ބޭނުން ކުރެވިދާނެ އެވެ.
ލެޓިއުސް ނޫން ކޮންމެ ބާވަތެއް މުޑުވައްކުރާ އާންމު އުސޫލަކީ ކޮންމެ އޮށެއް ވަކި ގަހެއްގެ ގޮތުގައި ހައްދާ ގޮތަށެވެ. އޮށް ފަޅާ އިންސައްތަ ދަށް ބައެއް ބާވަތްތަކުންނާއި، ދެރަ މުޑުވައްތަކުން، އެއް ޕޮޓު ނުވަތަ ސްޕޮންޖުކޮޅުގައި 4-5 އޮށް އިންދިދާނެއެވެ.
ލެޓިއުސް އިންދުމަށް 1.5 ގުނަ 1.5 އިންޗިން ސްޕޮންޖު ކެފިދާނެއެވެ އަދި ކަންބާ، މެލަން ކަހަލަ ބޮޑަށް ހެދޭ ބާވަތްތައް އިންދުމަށް 2 ގުނަ 2 އިންޗިން ސްޕޮންޖު ކެފިދާނެ އެވެ.
ބެލެހެއްޓުން:
ސިސްޓަމް ތައްޔާރުކޮށް ގަސްތައް ބަދަލުކުރުމުގެ ކުރިން، ބްލީޗް ފެންފޮދަކުން ސިސްޓަމް ރަނގަޅަށް ދޮވެ ސާފުކޮށްލަން ވާނެ އެވެ. މިއީ ޅަ ގަސްތައް ޖަރާސީމު ބަލިތަކުން ސަލާމަތް ކުރުމަށް މުހިންމުކަމެކެވެ. އެކި ބާވަތަކުގެ ގަސްތައް ހެއްދުމުގައި ހުންނަ ރަނގަޅު އާދަތަކުގައި ހިފަހައްޓަން ވާނެ އެވެ.
އެގޮތުން ދެގަސް ދޭތެރޭގެ ދުރުމިންތަކާއި، ވެލަށް ހެދޭ ގަސްތައް ކޮށުން ކުރިއަށް ގެންދަން ވާނެ އެވެ.
ސިސްޓަމުގައި ހުންނަ ކާނާ ފެން ގަސްތަކުން ބޭނުން ކުރަމުންދާ ނިސްބަތުން، މިންގަޑަށް ބަދަލު އަންނަމުން ދާނެއެވެ. އެގޮތުން ކާނާގެ މިންގަނޑުގެ އިތުރުން، ޕީ.އެޗް މިންގަނޑުވެސް ބަދަލުވަމުން ދާނެއެވެ. ކޮންމެ ދުވަހަކު 1 ފަހަރު އީސީ މީޓަރުންނާއި ޕީ.އެޗް މީޓަރުން މިންގަނޑު ބަލައި، އަންނަ ބަދަލުތަކަށް އެޖަސްޓު ކުރަމުން ގެންދަން ވާނެ އެވެ. އެއްވެސް ސަބަބަކާ ހުރި ކާނާ ފެން ޓޭންކް ތަގައްގަރު ވެއްޖެނަމަ، އަލުން ބަދަލު ތައްޔާރު ކުރަން ވާނެ އެވެ.
މައުލޫމާތު: ދަނޑުވެރިޔާ.ގަވް،އެމްވީ