Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

އިތުރު ތިން ފަރާތަކުން ފަވަރަގެ ޚިދުމަތް ދޭން ފަށައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް، ފަވަރަ އިން ޚިދުމަތް ދިނުމަށް އިތުރު ތިން ފަރާތަކުން މިއަދު ބައިވެރިވެއްޖެ އެވެ.

އެމްއެމްއޭ އިން ބުނީ ސިސްޓަމްގައި އަލަށް ބައިވެރިވެ ފަވަރަގެ ޚިދުމަތް ދޭން ފަށާފައިވާ ފަރާތްތަކަކީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) ގެ އިތުރުން ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) ކަމަށެވެ.

މީގެ ތެރެއިން ދިރާގު ފިންޓެކް އަކީ ބޭންކު ނޫން ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅޭ ފުރަތަމަ ފަރާތެވެ. މި ތިން ފަރާތުން ވެސް ވަނީ ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިންގެ މަރުހަލާވެސް ފުރިހަމަކޮށްފައި ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ސިސްޓަމާއި ގުޅުމާއިއެކު މި ތިން ފަރާތުގެ ޚިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަވަރަ ޓްރާންސްފާ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހާ ޚިދުމަތްތައް މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން މައުލޫމާތުދެ އެވެ.

ފަވަރަ އާއި އަލަށް ގުޅުނު އެޗްބީއެލް އަދި ސީބީއެމް އާއި އެކު ރާއްޖޭގައި ބޭންކިންގެ ޚިދުމަތް ދެމުންގެންދާ ހުރިހާ ބޭންކުތަކެއް މިހާރު ވަނީ ސިސްޓަމްގައި ބައިވެރިވެފަ އެވެ.

އެމްއެމްއޭ އިން ބުނީ ކުރިޔަށް އޮތްތަނުގައި ޕޭމަންޓް ޚިދުމަތްދޭ އެހެނިހެން ފަރާތްތަކުން ވެސް ސިސްޓަމާއި ގުޅުމުގެ މަސައްކަތްތައް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.