Last Updated: March 13, 21:58
Friday, March 14, 2025
ޚަބަރު

ހުރިހާ ރައްޔިތުން ހަމަހަމަ، އަނިޔާވެރިއެއް ނުވާނަން

އެ މަނިކުފާނުގެ ކުރިފުޅުމަތީގައި ހުރިހާ ރައްޔިތުންވެސް ހަމަހަމަ ކަމަށާއި، އަނިޔާވެރި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ދިއްދޫ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ދޭ ޚިދުމަތްތަކުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާ ކަމަށާއި ޚިޔާލު ތަފާތު ފަރާތްތަކަށް ތަފާތު ޚިޔާލުތައް ފާޅުކުރުމަށް ފުރުސަތު އޮންނާނެ ކަމަށެވެ.

ޤާނޫނު އަސާސީއިން ކޮންމެ ރައްޔިތަކަށް ލިބިދޭ ޙައްޤެއް، އޭގެ އެންމެ ފުރިހަމަ މިނުގައި ލިބިދީފައި އޮތުމީ އެ މަނިކުފާނުގެ ސަރުކާރުން މިއަދާ ހަމައަށްވެސް ތަންފީޒު ކުރައްވަމުން ގެންދެވި ސިޔާސަތު ކަމަށާއި އެގޮތުން ބަދަލު ހިއްޕެވުމުގެ ރޫޙެއްގައި ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެދިވަޑައިގަންނަވަނީ ޤައުމަށް ހަމަޖެހުން ލިބުމަށް ކަމުގައި ވެސް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން އަނިޔާވެރިވާ މަންޒަރެއް، އެ މަނިކުފާނުގެ ކިބައިން ކުރިއަށް އޮތްތަނުގައިވެސް ފެނިގެންނުދާނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވި އެވެ.

މީގެއިތުރުން ރައީސް ވަނީ އެ މަނިކުފާނާ ދިމާއަށް، އަދި ސަރުކާރާ ދިމާއަށް ކިތަންމެ އެއްޗެއް ކިއެއްކަމަކު، ރާއްޖެއަކީ މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ބިނާވެފައިވާ ޤައުމެއްކަމުން، އިސްލާމް ދީން ގެނެސްދީފައިވާ ހަމަތަކަކީ އެންމެންވެސް ޤަބޫލުކުރަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން ކޮންމެ ރައްޔިތަކީ ހުރުމަތްތެރިވެގެންވާ، އަދި ޢަބުރެއް އޮތް ރައްޔިތެއް ކަމަށް ޤަބޫލުކޮށް، ސިޔާސީ ފިކުރު ތަފާތު ވުމަކީ އަނެކާ ކުޑައިމީސް ކުރުމުގެ ޙައްޤު ތަނަވަސްކޮށްދޭ ކަމެއް ނޫންކަން ޤަބޫލުކުރަންޖެހޭ ކަމަށާ، ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާނީ، އަދި ޤައުމަށް ކުރިއެރުން އަންނާނީ މި ފިކުރު، ފަރުދީ ފެންވަރުގައި ކުރާނެ ބަޔަކު ތިބި ދުވަހަކުން ކަމަށްވެސް ވިދާޅުވި އެވެ.