ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ހިންގުމުން އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެކަހަރިކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ޕާޓީ ހިންގެވުމުން އެކަހެރިކޮށްފައިވާ އިރު، މި ފަހުން ޕީއެންސީގެ ހަރަކާތްތަކުން ވެސް އޭނަ ނުފެނެ އެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް ވަކިކުރަން ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕުން އަންނަނީ މިހާރު މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. ނަމަވެސް ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު އިއްޔެ ވަނީ ބައެއް މީޑިއާތަކުގައި އެ ވާހަކަ ދޮގުކުރައްވައިފަ އެވެ. އޭނަ ވިދާޅުވީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ އެއްވެސް މަސައްކަތެއް ނުހިނގާ ކަމަށެވެ.
އަބްދުއްރަހީމަކީ ފޮނަދޫ ދާއިރާގެ މެންބަރެވެ.
އޭނަ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު ވަރަށް ބޮޑަށް ގުޅުން ގޯސްވެފައި ވަނިކޮށް ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް އިއްޔެ ވަނީ މަގާމުން ވެސް ވަކިކޮށްފަ އެވެ. ދަރިކަލުން މަގާމުން ވަކިކުރެއްވި އިރު، އަބްދުއްރަހީމް ހުންނެވީ މެލޭޝިއާގަ އެވެ.
ނަމަވެސް އެ ދަތުރު ކުރުކޮށްލައްވައި އޭނަ ރޭ ވަނީ މާލެ ވަޑައިގެންފަ އެވެ.