Last Updated: April 21, 16:03
Monday, April 21, 2025
ޚަބަރު

ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލަ ތަހުގީގު ކުރަނީ

ވަގަށް ރާއްޖެ އަށް 200 މާސްޓަ ކާޓަން މެންޗެސްޓަ ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ ތަހުގީގު ކުރިއަށް ގެންދަނީ ކަސްޓަމްސްއާ ގުޅިގެން ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިން އުޅަނދެއް ކަމަށްވާ "ދަ ހޯކްސް ޖަވާހިރު ބޯޓް" އިން މި ސިނގިރޭޓްތައް ރާއްޖެ އަށް އެތެރެކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު 24 ވަނަ ދުވަހު ރާއްޖެ އަށް އައި 'ދަ ހޯކްސް ޖަވާހިރު ބޯޓު" އިން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވެ އެވެ. އަދި އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން އެތެރެކޮށްފައިވެ އެވެ.

މި މައްސަލައިގެ ތަހުގީގު ބިނާވެފައި ވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިން ކުށެވެ.