Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ތަކަންދޫ ޕޮލިސް ޕޯސްޓް ހުޅުވައިފި

ހއ. ތަކަންދޫ ފުލުހުންގައި ގާއިމުކޮށްފައިވާ ޕޮލިސް ޕޯސްޓް މިއަދު ހުޅުވައިފި އެވެ.

އެތަން ހުޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތިލަންދުން މައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ތަކަންދު އަށް ވަޑައިގެންނެވުމުގެ ތެރޭގަ އެވެ.

ޕޮލިސް ޕޯސްޓް ހުޅުވަން ބޭއްވި މި ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނާއި އާއި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާއުގެ އިތުރުން ވެސް ފުލުހުންގެ އިސް ވެރިންތަކެއް ބައިވެރިވެވަޑައިގަތެވެ.

ތަކަންދޫ ޕޮލިސް ޕޯސްޓް ހުޅުވި އިރު، ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކޮންމެ ރަށަކީ ވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ހަމަޖެހިފައިވެ އެވެ.

މި ސަރުކާރުއައި ފަހުން އެއް އަހަރުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތްތައް ދޭން ފަށާފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ.