Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ބީއެމްއެލްއަށް 2.1 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލްއިން މިއަދު އާންމުކުރި, އެ ބޭންކުގެ 2024 ވަނަ އަހަރުގެ އޮޑިޓްނުކުރާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއީ 2023 ވަނަ އަހަރާ އަޅައިބަލާއިރު ހަތަރު އިންސައްތައިގެ އިތުރުވުމެކެވެ. އަދި ޖުމްލަ އެސެޓް ވަނީ 2023 ވަނަ އަހަރަށްވުރެ ތިން ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. އަދި ޖުމްލަ އެސެޓް 2023 ވަނަ އަހަރަށް ވުރެ 3 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ބޭންކުން ދޫކުރަމުންދާ ލޯނުގެ ފެންވަރު ވެސް ވަނީ ރަނގަޅުވެފަ އެވެ. މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އައު ލޯނު ބީއެމްއެލުން ވަނީ ދޫކޮށްފަ އެވެ.

މީގެއިތުރުން މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ. މި ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ތިން ވަނަ ކުއާޓަރާ އަޅައިބަލާއިރު 47 އިންސައްތައިގެ ކުރިއެރުމެކެވެ.

މި ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ލިބުނު ހަރުދަނާ މާލީ ނަތީޖާއިން ބޭންކުގެ ކުރިއެރުން ދައްކުވައިދޭއިރު، މުޖުތަމައަށް ޚިދުމަތްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދާ ކަމަށެވެ.

"މި އަހަރު ބޭންކުން މަސައްކަތް ކުރާނީ މި ލިބުނު ނަތީޖާއާއެކު އިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާއެކު. އަދި ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދީ، ކަސްޓަމަރުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ހޯދައިދިނުމުގެ އަޒުމާއެކު." ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 150 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.