ހއ. އިހަވަންދޫގައި ގާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅައިފި އެވެ.
އެތަނުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިހަވަންދު އަށް ވަޑައިގަތުމާ އެކީގަ އެވެ.
ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. އެ ރަސްމިއްޔާތުގައި މިފްކޯގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
މި ކޮމްޕްލެކްސްގައި 1،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ގާއިމުކުރާނެ އެވެ. މީގެއިތުރުން އޮފީސް އިމާރާތަކާއި އިންޖީނުގެއެއް، ވެހިކަލް ވޯކްޝޮޕަކާއި ގުދަނެއް ވެސް ކޮމްޕްލެކްސްގައި ހިމެނޭނެ އެވެ. އަދި 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި، 3.5 މީޓަރުގެ ފުންމިނުގައި ބަނދަރެއް އަދި ތިން ޕޮއިންޓުން މަސްކިރޭ ޖެޓީއެއް ވެސް މި މަޝްރޫޢުގެ ދަށުން ތަރައްގީ ކުރާނެ އެވެ.
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެލްސް އަކީ ސަރުކާރާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ބޮޑުތިލަދުންމަތީގެ މަސްވެރިންނަށް ތެޔޮ އަދި އައިސް ހޯދުމަށް ދުރަށް ދަތުރު ކުރަން ޖެހޭ ދަތުރުތައް ނިމުމަކަށް އައިސް، ޚަރަދުތައް ވެސް ކުޑަވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫޢުގެ ސަބަބުން އިހަވަންދޫގައި 150 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ވެސް އުފެދިގެން ދާނެ އެވެ.