މިއަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތަށް ސީދާ ދަޢުލަތުގެ ބަޖެޓުން ހަރަދުކުރާ ގޮތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުގައި ލިޔެވިގެން، ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މުބާރާތަކަށް ހެއްދެވުމަށް ރައީސް ނިންމާފައިވާކަން އިޢުލާން ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ.
އަދި މިއަހަރުން ފެށިގެން ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ގޮތުގައި ވަކި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ޤުރުއާން މުބާރާތެވެ. ޒަމާނުންސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުން ނުހަނު އިސްކަމެއް ދީގެން ދަރިވަރުން ތައްޔާރުކޮށް، މުބާރާތުގައި ބައިވެރިކުރަމުންދާއިރު މިއަދާއި ހަމައަށް މި މުބާރާތް ބާއްވަމުން އައީ ތަނަވަސް އެކި ފަރާތްތަކުން ދޭ ފައިސާއިން ބޮޑު ޚަރަދެއްކޮށްގެންނެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ހައިބަތު ބޮޑު، އަދި ސަރުކާރުން އެ މުބާރާތަކަށް ވަރަށް އިސްކަމެއް ދެއްވާނެ މުބާރާތެއްކަން ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.