ޤައުމީ ޤުރުއާން މުބާރާތް މިހާރު ހިންގަމުން އަންނަ ގޮތަށް އިޞްލާޙީ ބަދަލު ގެންނަން ބޭނުންވާތީ ކަމުގެ ތަޖުރިބާކާރުންނާއި ރައްޔިތުންގެ ޚިޔާލު ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިނިސްޓަރު މިއަދު ވިދާޅުވީ މިހާރު އޮންނަ ގޮތުން އެ މުބާރާތުގައި ގާތްގަނޑަކަށް 1،000 ފަރާތަކުން ބައިވެރިވެވޭ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ޤައުމީ މުބާރާތް ބޭއްވެން ވާނީ އޮޑިޝަންތަކަކަށް ފަހު އެންމެ މޮޅު ފަރާތްތަކުގެ މެދުގައި. ސީދާ އެ ފަރާތްތުގެ މެދުގައި އިންސާ ފުކުރެވޭ ގޮތަށް." މިނިސްޓަރު ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ސްކޫލްތައް ނުވަތަ މުއައްސަސާތަކުގެ މެދުގައި އިންސާފުކުރެވޭ ގޮތަކަށް މުބާރާތް ބާއްވަން ނުފެންނަ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިން ޔުނީފޯމް އެޅުމުގެ ބޭނުމެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.
"މިއީ ޚިޔާލެއް. ތިޔަ ބޭފުޅުންގެ ރައުޔު މިކަމުގައި ބޭނުންވޭ." މިނިސްޓަރު ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ގައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޤުރުއާން މުބާރާތެވެ.
މި މުބާރާތަކީ 1981 އިން ފެށިގެން ބާއްވަމުން އަންނަ މުބާރެތެކެވެ. މިދިޔަ އަހަރު ބޭއްވި 36 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި 119 މުއައްސަސާއަކުން ބައިވެރިވެފައިވެ އެވެ.