ޗައިނާއާ އެކީ ރާއްޖެ އިން މިހާރު ފްރީ-ޓްރޭޑް އެގްރީމަންޓް (އެފްޓީ) އަކަށް އަމަލު ކުރަމުން އަންނާތީ އިންޑިއާ އިން ރާއްޖެ އަށް އެހީވުމާ މެދު އެ ގައުމުން ދެވަނަ ވިސްނުމަކަށް ދާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން މިކަން ރިޕޯޓްކުރި ނަމަވެސް މިކަމާ ގުޅޭ ގޮތުން އެ ގައުމުގެ ސަރުކާރުގެ އެއްވެސް އިސް އޮފިޝަލަކު ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް އިންޑިއާގެ ނޫސްތަކުތަކުގައި ބުނެފައި ވަނީ ޗައިނާއެކު ރާއްޖެ އިން ހެދި އެފްޓީއޭގެ ސަަބބުން ރާއްޖެ އަށް ވާނީ ގެއްލުން ކަމަށާއި އެއިން ރާއްޖެ އަށް ވާނެ ފައިދާ އަށް ވުރެ ބޮޑީ ގެއްލުން ކަމަށެވެ.
އެގޮތުން އެެއްބަސްވުމުގެ ދަށުން މުދަލުން ނަގާ ކަސްޓަމްސް ޑިއުޓީ މާފުކޮށްފައިވާތީ އޭގެ ސަބަބުން އަހަރަކު 30-40 މިލިއަން ޑޮލަރުގެ ގެއްލުމާ ރާއްޖެ އިން ކުރިމަތިލާން ޖެހޭނެކަން އިންޑިއާގެ މީޑިއާތަކުން ފާހަގަކޮށްފައިވެ އެވެ.
ޗައިނާއާ އެކު އެފްޓީއޭއަކަށް އަމަލު ކުރަމުން އަންނަ ރާއްޖެ އިން ތުރުކީއާ އެކު ވެސް މިފަދަ އެއްވަސްވުމަކަށް ތައްޔާރުވަމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާތަކުން ފާހަގަކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ ގައުމާ އެކީ ވެސް އެފްޓީއޭއާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މީޑިއާތަކުން ބުނީ އިންޑިއާ އަކީ އަބަދު ވެސް ރާއްޖެ އަށް އެހީވަމުން އަންނަ ގައުމެއް ކަމަށެވެ. އެގޮތުން މާލީ ގޮތުން ފޯރުކޮށްދޭ އެހީގެ ދަށުން މިދިޔަ މަހު ވެސް ރާއްޖެ އަށް ދަރަނީގެ ކަންކަން ހަމަޖެއްސުމަށް 760 މިލިއަން ޑޮލަރު ހަމަޖައްސައި ދީފައިވާ ކަމަށް ނޫސްތަކުން ބުނެފައިވެ އެވެ. އަދި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އިންޓަރެސްޓާ ނުލައި ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނު ވެސް އިންޑިއާ އިން ދީފައިވާ ކަމަށާއި ލ؛ޯނު ދެއްކުމުގެ މުއްދަތު ވެސް އިތުރުކޮށް ދީފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
އިންޑިއާ އިން އަބަދު "ބިރެއް" ގެ ގޮތުގައި ދެކޭ ޗައިނާއާ އެކު މި ސަރުކާރުން މާ ގާތް ގުޅުމެއް ބާއްވާތީ އިންޑިއާ އިން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެމުންދެ އެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ "ޕްރޯ-ޗައިނާ" ސަރުކާރެއްގެ ގޮތުގައި އިންޑިއާގެ މީޑިއާތަކުން ސިފަކުރެ އެވެ.
ނަމަވެސް މި ސަރުކާރުން މި ފަހުން ތަކުރާރުކޮށް ބުނަމުން އަންނަނީ ހުރިހާ ގައުމުތަކަކާ އެކީ ވެސް ބާއްވާނީ ހަމަހަމަ ގުޅުމެއް ކަމަށެވެ. އަދި އެންމެ އަވައްޓެރި ގައުމުގެ ހައިސިއްޔަތުން އިންޑިއާއާ ވަރަށް ވެސް ހާއްސަ ބައިވެރިއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ޗައިނާއާ އެކު ރާއްޖެ އިން ހެދި އެފްޓީއޭ އަށް އަމަލު ކުރަން ފެށީ މި މަހުގެ 1 އިން ފެށިގެންނެވެ.
ކަސްޓަމްސްއިން ބުނީ އެއްބަސްވުމުގެ ދަށުން މި މަހުގެ 1-18 އަށް ޖުމްލަ 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ވައިގެ މަގުން އެތެރެކުރި ނުވަ ޝިޕްމެންޓްގެ މުދަލާއި ކަނޑުމަގުން އެތެރެކުރި ތިން ޝިޕްމަންޓް ކަމަށެވެ. ވައިގެ މަގުން އެތެރެކުރި މުދަލުގެ އަގު 882،381ރ. އަށް އަރާ އިރު، ކަނޑުމަގުން އެތެރެކުރި މުދަލުގެ އަގަށް 1.040،875ރ. އަށް އަރާ ކަމަށް ކަސްޓަސް އިން ބުންޏެވެ.