ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ޖުވެނައިލް ހާފްވޭހައުސް މިއަދު ހުޅުވައިފި އެވެ.
އެތަން ހުޅުވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. ހާފްވޭ ހައުސް ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ވަނީ އެތަނުގެ ދިދަ ވެސް ނަންގަވައިދެއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު ޢަލީ އިޙްސާނާއި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓްގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުން ބުނީ ހޯރަފުށީގައި ހުޅުވި މަރުކަޒަކީ ކުރު މުއްދަތަކަށް ނުވަތަ ދިގު މުއްދަތަކަށް އެކަހެރިކޮށްގެން ފަރުވާ ދޭން ޖެހޭ ކުދިންނަށް ފަރުވާ ދެވޭނެ ނިޒާމެއް ހަމަޖެއްސުމަށް ތަރައްޤީކޮށްފައިވާ ތަނެއް ކަމަށެވެ. އަދި އިސްލާހީ ފިޔަވަޅުތައް އެޅުމަށްޓަކައި ދިގު މުއްދަތަކަށް ބަންދުގައި ތިބުމަށް ފަހު، އެ ކުދިންގެ ހާލަތައް ބިނާކޮށް ކުއްޖާ އަށް ބޭނުންވާ ހާއްސަ ފަރުވާތައް އެ ތަނުން ދެވޭނެ ކަމަށް އެ ޑިޕާޓްމެންޓުން ބުންޏެވެ.
އެގޮތުން ހޯރަފުށީގައި ހުޅުވި ހާފްވޭހައުސްގައި ދެ ޖިންސްގެ ކުދިންނަށް ހާއްސަކޮށްގެން އެކޮމޮޑޭޝަން ބްލޮކްތަކެއް ހުންނާނެ ކަމަށް ބުންޏެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އަކީ 2020 ގައި ޢަމަލުކުރަން ފެށި، ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޤާއިމްކޮށްފައިވާ އިދާރާއެކެވެ.