ޓޫރިޒަމް މިނިސްޓަރުކަމުން މި ހަފުތާގައި ވަކިކުރި އިބްރާހީމް ފައިސަލަށް މިކަމުން ލިބިވަޑައިގަތް "ފިލާވަޅަށް" ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޝްހޫރު ބަސްކޮޅަކުން ހިތްވަރު ހޯއްދަވައިފި އެވެ.
އެގޮތުން ނަޝީދު ކުރިން ވަރަށް ގިނައިން ވިދާޅުވި އިބާރާތެއް ފައިސަލް އެކްސްގައި ނަޝީދު ޓެގް ވެސް ކުރައްވައި ޕޯސްޓް ކުރައްވާފައިވެ އެވެ. އެ ބަސްކޮޅަކީ މިއެވެ؛ ކާމިޔާބީގައި ހިތްތިރިކުރާށެވެ. އަދި ނާކާމިޔާބީގައި ހިތްވަރުގަދަ ކުރާށެވެ.
ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. ނަމަވެސް އޭނަ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
“Kaamiyaabeegaa hihthirikuraasheve adhi Naakaamiyaabeegaa hihvarugadhakuraasheve. @MohamedNasheed
— Ibrahim Faisal (@lasiaF969) January 28, 2025
ފައިސަލް ވިދާޅުވި ގޮތުގައި އޭނަ ވަކިކުރިކަން އަންގައި ފޮނުވި ސިޓީގައި ވެސް ސަބަބެއް ހިއްސާކޮށްފައެއް ނުވެ އެވެ.
ނަމަވެސް ފައިސަލް މަގާމުން ވަކިކުރި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އޭނަގެ ބައްޕަ އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާކަމުގެ އަޑުތަކެއް އަރާފައިވެ އެވެ.
އަބްދުއްރަހީމްގެ ދެބަފައިންނަކީ ރައީސް މުއިއްޒު ވެރިކަމަށް ގެންނަވަން ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ބައެކެވެ.
ފައިސަލް ވިދާޅުވީ ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރި ނަމަވެސް ސިޔާސީ މަސައްކަތުގައި ގަދަކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކަމަކު ދެން ކުރިއަށް ވަޑައިގަންނަވާނެ ގޮތއް ނިންމަވާނީ ބައްޕަގެ ލަފާގެ މަތިން ކަމަށް ވިދާޅުވި އެވެ.