އެސްޓީއޯ އިން އެތެރެކޮށް ވިއްކާ "މަކިޓާ" ބްރޭންޑްގެ އުފެއްދުންތަކެއްގެ ފޭކް ތަކެތި ވިއްކަމުންދާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އިއުލާންކޮށްފި އެވެ.
އެސްޓީއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "މަކިޓާ" ބްރޭންޑުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވެފައިވާއިރު، ބާޒާރުގައި ނަކަލު ނުވަތަ ފޭކް އުފެއްދުންތައް ދައުރުވަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ ދައުރުވަމުންދާ އަސްލު ނޫން އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފޭނެކަމުގެ ޔަގީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. އެހެންވެ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތައްކަން ކަށަވަރުކުރުމަށް ފަހު ނޫނީ ނުގަތުމަށް ސަރުކާރުގެ ވިޔަފާރި ކުންފުނިން އިލްތިމާސްކޮށްފައިވެ އެވެ.
އެ ކުންފުނިން ބުނީ އެސްޓީއޯގެ އައުޓްލެޓްތަކުންނާއި އެސްޓީއޯ އިން ހުއްދަ ލިބިފައިވާ އޭޖެންޓުން މެދުވެރިކޮށް "މަކިޓާ" ބްރޭންޑުގެ އޮރިޖިނަލް އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ އިރު، އެ ބްރޭންޑުގެ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް، އެސްޓީއޯ ސާވިސް ސެންޓަރުން އާފްޓާ ސޭލްސް ހިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯ އިން ނުވަތަ އެސްޓީއޯގެ ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ގަންނަ މަކިޓާ ބްރޭންޑުގެ އުފެއްދުންތަކަށް އެކަނި ކަމަށެވެ.
"މަކިޓާ ބްރޭންޑުގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަމެއް ބޭނުންފުޅުވާ ނަމަ، އެސްޓީއޯ "މަކިޓާ" ޝޯރޫމަށް ވަޑައިގެންދެއްވުން އެދެން." އެސްޓީއޯ އިން ބުންޏެވެ.