Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

އެސްޓީއޯއަށް 15 ބިލިއަން ރުފިޔާގެ އާމްދަނީއެއް

އެސްޓީއޯ / ފޮޓޯ؛ ރާއްޖެ އެމްވީ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު 15 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފި އެވެ.

އެސްޓީއޯ އިން އިއްޔެ އާންމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ލިބުނު 15 ބިލިއަން ރުފިޔާގެ އާމްދަނީއަކީ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު ހަ ޕަސެންޓްގެ ދަށްވުމެކެވެ.

އޭގެ ސަބަބެއް ކަމަށް އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ކުންފުނިން ވިއްކަމުންދިޔަ ތެލުގެ އަގު ތިން ފަހަރެއްގެ މަތީން ދަށްކުރުމާއެކު ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ. އާމްދަނީ ދަށްވުމާއެކު މިދިޔަ އަހަރު ޖުމުލަ ފައިދާގެ ގޮތުގައި އެސްޓީއޯއަށް ލިބުނީ 2.4 ބިލިއަން ރުފިޔާއެވެ. އެއީ ކުރީ އަހަރާ އަޅައިބަލާއިރު 12 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ އަހަރު ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ ސާފު ފައިދާއަކީ 812 މިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 19 ޕަސެންޓުގެ ދަށްވުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 717 މިލިއަން ރުފިޔާ އެވެ.

މީގެއިތުރުން އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 3.8 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ އޭގެ ކުރީ ކުއާޓަރުގައި ލިބުނު އާމްދަނީއަށްވުރެ ހަތް ޕަސެންޓުގެ ކުރިއެރުމެކެވެ.