މިދިޔަ އަހަރު ތައާރަފު ކުރި ސީއެންބިއުލާންސްގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ތަޢާރަފު ކޮށްފައިވާ ކަމަށް ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ސޯޝަލް ކައުންސިލް ފަރާތުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ރައީސް ޔާމީންގެ ވައުދުގެ ދަށުން ސިއްހީ ދާއިރާގެ ދަށުން ނިންމަންޖެހޭ ކަންތައްތައް ނިންމަމުންދާކަމަށެވެ. އެ ގޮތުން މިހާރު ހުރިހާ އަތޮޅަކަށް ސީ އެންބިއުލާންސް ހަވަލުކޮށްފައި ވާ ކަމަށެވެ.
މިހާރު ސީ އެންބިއުލާންސްގެ ހިދުމަތް ދެމުން އަންނަ އަތޮޅުތަކީ، ހެލުތުން ބުނި ގޮތުގައި ހއ. އަތޮޅުން ފެށިގެން އުތުރުން ރ. އަތޮޅާ ހަމަ އަށެވެ. އަދި މެދު ރާއްޖެ ތެރެ އިން ފ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. އަދި ދެކުނުން ގދ. އަތޮޅުގައި އެ ހިދުމަތް ތައާރަފުކޮށްފައިވާ ކަމަށް ހެލްތުން ބުންޏެވެ.
މިނިސްޓަރު ވިދާޅުވީ އާ 50 އެމްބިއުލާންސްގެ ތެރެއިން ގެނެވިފައިވާ ހަތަރު ޕެރަމެޑިކް އެމްބިއުލާންސް ރާއްޖޭގެ އެންމެ އާބާދީ ބޮޑު ހިސާބުތަކަށް ބަލާފައި ފޮނުވާ ފައިވާ ކަމަށެވެ. މީގެ އިތުރުން އެކަމަނާ ވިދާޅުވީ ހޮސްޕިޓަލުތަކާއި ހެލްތު ސެންޓަރު ތަކުގެ ދަށުގައި ހުރި ލޭންޑް އެމްބިއުލާންސް ހަލާކުވެފައި ހުރި ތަންތަން ބަލައި މަރާމާތުކުރަމުންދާ ކަމަށެވެ.
އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ މަސައްކަތްތަކުގެ ތެރެއިން 54 ރަށަކަށް އެމްބިއުލެންސް ހޯދުމުގެ އެއްބަސްވުމެއްގައި އެސްޓީއޯއާ އެކު ހެލްތު މިނިސްޓްރީން ސޮއިކޮށްފައިވަނީ މިދިޔަ އަހަރު އެވެ. ޖުމްލަ 2.5 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ އެ އެއްބަސްވުމުގައި ސޮއި ކުރައްވާ ހެލްތު މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެފައިވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެމްބިއުލާންސެއް އޮންނާނެ ކަމަށެވެ.
ބަލިމީހާ އަށް ހިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ސީ އެންބިއުލާންސްގެ ހިދުމަތް ދެނީ އެމްއެންޑީއެފާ ގުޅިގެންނެވެ.