ދުނިޔޭގެ ރެކޯޑެއް ހަދަން ބާއްވާ އެންމެ ދިގު "ސިންގަލް އޯޕަން ވޯޓަ ޑައިވް" ހަރަކާތް ރާއްޖޭގައި މިއަދު އިފުތިތާހުކޮށްފި އެވެ.
މި ހަރަކާތް އިފުތިފތާހުކޮށް ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
އޯޝަން ސިކްސް ފިފްޓީން އިންތިޒާމުކޮށްގެން ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެކްރޮސް މޯލްޑިވްސް ޑައިވް ހަރަކާތް "ސިންގަލް އޯޕަން ވޯޓަ ޑައިވް" ހަރަކާތުގެ ފުރަތަމަ ފިޔަވަހި އިފުތިތާހުކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހީގަ އެވެ.
އެ އިވެންޓްގައި މިނިސްޓަރު ވިދާޅުވީ އާ އީޖާދީ ވަސީލަތްތަކާއެކު ކަނޑުގެ ބޭނުން ހިފާތަން ފެންނަމުން އަންނަ ކަމަށާއި އެއީ ސަރުކާރުން އުފާކުރާ ކަމެއް ކަމަށެވެ، އަދި މިފަދަ ކަންކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޝިޔާމު ވިދާޅުވީ ދުނިޔޭގެ ރެކޯޑެއް ގާއިމްކުރަން ބާއްވާ އެކްރޮސް މޯލްޑިވްސް ޑައިވް ހަރަކާތުގެ ދެ އެޓެމްޕްވެސް ކާމިޔާބުވުމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވާ ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މި އިވެންޓްގެ ސަބަބުން ރާއްޖޭގެ ތައާރަފު ނުވާ އެތައް ބަޔަކަށް ރާއްޖެ ތައާރަފުު ވެސް ވެގެން ދާނެ ކަމަށެވެ.
އެކްރޮސް މޯލްޑިވްސް ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިރު، ފުރަތަމަ ފިޔަވަހި ކުރިއަށް ދާނީ މާލޭ ސަރަހައްދުގައި އަންނަ ބުދަ ދުވަހު އެވެ. އެގޮތުން މާލެ އިން ހުޅުމާލެ އަށް 70 ކިލޯ މީޓަރަށް އެ ފިޔަވަހީގައި ޑައިވްކުރާނެ އެވެ. އަދި ދެވަނަ ފިޔަވަހި އަންނަ އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ މުޅި ރާއްޖެ ކަވަރުވާ ގޮތަށް ހއ. ތުރާކުރުން ފެށިގެން އައްޑު އަށް ޖުމްލަ 4،600 ކިލޯ މީޓަރު ޑައިވްކުރާނެ އެވެ.
މިކަން ކާމިޔާބުވެއްޖެ ނަމަ މިކަން ވާނީ ދުނިޔޭގެ އެންމެ ދިގު ޑައިވަށެވެ.
ރާއްޖެ އިން ކުރިން ވެސް ރެކޯޑްތަކެއް ހަދާފައިވެ އެވެ.