ތިނަދޫ ސިޓީގައި ހަދާފައިވާ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ހުޅުވި އިއުލާން ބާތިލުކުރަން ހައުސިން މިނިސްޓްރީން ކައުންސިލަށް އަންގައިފި އެވެ.
ކައުންސިލަށް މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރެވޭ ހައުސިން ޔުނިޓްތައް ހަވާލުކުރެވެމުން ދަނީ މިނިސްޓްރީން އެންޑޯސްކޮށް ހުއްދަ ދޭ އުސޫލާ އެއްގޮތަށް ކަމަށެވެ.
އެގޮތުން ތިނަދޫގައި އިމާރާތްކުރާ 200 ހައުސިން ޔުނިޓަކީ ވެސް އެ މިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތް ކުރަމުން އަންނަ ޔުނިޓްތަކެއް ކަމަށްވާތީ އެ ޔުނިޓް ދޫކުރުމާއި އިއުލާންކުރުމުގެ ކުރިން ޔުނިޓް ދެވޭނެ އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަން މަރުހަލާ ކުރިއަށް ގެންދާނީ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ބުންޏެވެ.
މިނިސްޓަރީން ފާހަގަކޮށްފައިވާ ގޮތުގައި ޔުނިޓްތަކަށް ކުރިމަތިލާން މިދިޔަ މަހުގެ 29 ގައި ގައި ކައުންސިލުން ހުޅުވާލީ މިނިސްޓްރީގެ ހުއްދަ ނެތި އެވެ. ކައުންސިލުން ކުރި އިއުލާންގައި ވާގޮތުން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވައިލީ އަންނަ އެޕްރީލް މަހުގެ 30 އާ ހަމައަށެވެ.
އެހެންވެ އެ އިއުލާން ބާތިލުރަން އަންގާ ކަމަށް މިނިސްޓްރީން ބުންޏެވެ. މިކަމާ ގުޅޭ ގޮތުން ތިނަދޫ ސިޓީ ކައުންސިލުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ތިނަދު އަކީ ކުރިން ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓްތަކެއް އަޅާފައިވާ ސިޓީއެކެވެ.