އިންޑިއާ ސަރުކާރުގެ އިސް ބޭފުޅަކު ތިލަމާލެ ބްރިޖް މަސައްކަތް ކުރިއަށްދާ ގޮތަށް ބައްލަވާލައިފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ސުޖާ ކޭ މެނަން ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާ ލެއްވުމަށް ކުރެއްވި ޒިޔާރަތުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އިބްރާހީމް ޒުހުރީގެ އިތުރުން ޑެޕިއުޓީ މިނިސްޓަރ ޙަސަން ވިޞާލް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
ކޮންސްޓަރަކްޝަން މިނިސްޓްރީން ބުނި ގޮތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީގެ ރާއްހެ ދަތުރުގައި ބްރިޖްގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމުގެ އިތުރުން، މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާ ވެސް ކުރެއްވި ކަމަށެވެ.
އެގޮތުން މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ނިންމުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާތަޖެއް ކުރެވުނެވެ.
އެ ޒިޔާރަތުގައި އެގްޒިމް ބޭންކް އޮފް އިންޑިއާގެ އިސްވެރިންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެފްކޮންސް އަދި ކޮންސަލްޓަންޓް އަރަޕްގެ ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި ހަދާ ތިލަމާލެ ބްރިޖަކީ މާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އެޅޭ ބްރިޖެކެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ވެސް މި ބްރިޖްގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވި އެވެ.