މާލެ ކައިރީގައި ތަރައްގީ ޓޫރިޒަމްގެ ހާއްސަ ސަރަހައްދެއް ކަމަށްވާ ކްރޮސްރޯޑްސްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ ގޮތް އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރްޔަމް މާރިއާ އިއްޔެ ބައްލަވާލައްވައިފި އެވެ.
މިނިސްޓަރު އެތަނަށް ކުރެއްވި މި ޒިޔާރަތަކީ ރިސޯޓްތަކާއި މިނިސްޓްރީއާ ދެމެދު އެއްބާރުލުން އިތުރުކުރެވިދާނެ ދާއިރާތައް ދެނެގަތުމަށް ކުރެއްވި ޒިޔާރަތެކެވެ.
މި ޒިޔާރަތުގައި މިނިސްޓަރު ވަނީ ކްރޮސްރޯޑްގެ ބަދިގެތަކަށް ބޭނުންވާ ކާނާ، ދަނޑުތަކުގައި އުފައްދާ ގޮތްތައް ބައްލަވާލައްވަވައި، މައުލޫމާތު އޮޅުންފިލުއްވައިފައެވެ. އަދި އެތަނުގެ ގަސްގަހާގެހި އިންދާ ބަލަހެއްޓުމަށް ކުރާ މަސައްކަތްތަކާއި، ތަރުކާރީ އުފެއްދުމަށް ބޭނުންކުރާ ތަފާތު ގޮތްތައް ބައްލަވާލެއްވި އެވެ.
އެގްރިކަލްޗަ މިނިސްޓްރީން ބުނީ ކްރޮސްރޯޑް ދަތުރުގެ ތެރެއިން ފާހަގަކުރެވުނީ ރިސޯޓްތަކުން ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރުމަށް ގެންގުޅޭ އުސޫލުތަކާއި، ކާނާ އުފެއްދުމުގައި ގެންގުޅޭ އައު ގޮތްތަކުގެ ތަރުތީބުކަމާއި ފުރިހަމަކަން ކަމަށެވެ. އަދި އެތަނުގެ މަސައްކަތްތަކުން ފާހަގަކުރެވުނީ ރާއްޖޭގެ ދަނޑުވެރި ކަމަށް އެހީތެރިވުމުގައި ރިސޯޓުތަކަށް އަދާކުރެވިދާނެ މުހިންމު ދައުރު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެގޮތުން ރާއްޖޭގައި އުފައްދާ ތަކެތި ގަތުން އިތުރުކުރުމުގެ ގޮތުން ކަމުގައިވިޔަސް، ހައިޑްރޯޕޯނިކްސް ނުވަތަ އެހެނިހެން ގޮތްތަކަށް ގަސް އިންދައި، އިންވެސްޓްކުރުން ކަމަށް ވިޔަސް ނުވަތަ ރާއްޖޭގެ ދަނޑުވެރިންނާ ހުނަރު ޙިއްސާކުރުން ކަމަށް ވިޔަސް
ކަންކަން މިހާރު ކުރެވޭނެ ގޮތްތައް ހުރި ކަމަށް މިނިސްޓްރީން ބުންޏެވެ.
އެގްރިކަލްޗަ މިނިސްޓްރީން ބުނީ އެ ގޮތްތައް ދެނެގަތުމުގެ މަގުސަދަކީ ރާއްޖޭގައި އުފައްދާ ކާނާ އިތުރުކޮށް، ދެމެހެއްޓެނިވި ގޮތްތައް ކުރިއަރުވައި، ބޭރުން އެތެރެކުރާ ތަކެއްޗަށް ބަރޯސާވާ މިންވަރު މަދުކުރުން ކަމަށެވެ. އަދި މި އެއްބާރުލުމުގެ ސަބަބުން ޓޫރިޒަމް ޞިނާޢަތަށާއި މުޅި މުޖުތަމަޢަށް ފައިދާ ކުރާނެ، އަދި ދެމެހެއްޓެނިވި ކާނާގެ ނިޒާމެއް ޤާއިމު ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ބުންޏެވެ.