ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ އަދަދު މިހާރު 435 އަރާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެގޮތުން މިދިޔަ މަހުގެ 20 ގެ ނިޔަލަށް އެ އަދަދަށް މީހުން ތިބި އިރު، އޭގެ ތެރެއިން 364 މީހަކު ތިބީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގަ އެވެ. ބާކީ 71 މީހުން ތިބީ ޖާގައިގެ ތާށިކަމާ ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
"ވާނުވާ" ބަންދަކީ މި ސަރުކާރުން ނިމުމަކަށް ގެންނާނެ ކަމަށް ވައުދުވެފައި އޮތް ކަމެކެވެ. ނަމަވެސް އެކަން ނުކުރެވި ދާތީ ދާދި ފަހުން ޖަމިއްޔާތަކުން މާލޭގައި ކަންބޮޘޑުވުން ފާޅުކޮށް އެއްވުންތަކެއް ވެސް ބާއްވާފައިވެ އެވެ.
ޕީޖީ އޮފީހުން އިއްޔެ ބޭއްވި "ބަންދު ފޯރަމް" ގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ޝަރީއަތް ނިމެންދެން ހުކުމެއް ނެތި ބަންދުކޮށްފައި ތިބި މީހުންގެ އަދަދު އިތުރުވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު މައްސަލައަކީ އެ މީހުން ބައިތިއްބަން ޖެހޭ މުއްދަތު ދިގުވުން ކަމަށް ވިދާޅުވި އެވެ.
"އޭގެ ޒާތުގައި ޕްރީ ޓްރަޔަލް ޑިޓެންޝަންއަކީ އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއީކީ މައްސަލައެއް ކަމަށް،" އޭނަ ވިދާޅުވި އެވެ. "މައްސަލައަކަށް ވެގެން މިއުޅެނީ ޕްރީ ޓްރަޔަލް ޑިޓެންޝަނޭ ކިޔާފައި އަހަރު، ދެ އަހަރު، ތިން އަހަރު، ހަތަރު އަހަރު، ފަސް އަހަރު ވަންދެން އެއްވެސް ހުކުމެއް ނެތި ޖަލެއްގައި ބަންދުކޮށްގެން ގެންގުޅޭ ގެންގުޅުން. މިއަށް އަޅުގަނޑުމެން ހައްލު ހޯދަން ޖެހޭ."
އިހުސާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގެ މިހާރުގެ އާބާދީގެ 25 ޕަސަންޓަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ކަމަށެވެ.
"ދުނިޔޭގެ ޖަލުގެ އާބާދީތަކަށް އެކި ގައުމުތަކަށް ބަލާއިރުގައި އަށްޑިހަ ޕަސަންޓް ގައުމުތަކުގައި ޕްރީ ޓްރަޔަލް ޑިޓެންޝަންގައި ތިބި މީހުން ޖަލުގެ އާބާދީގެ ފަންސަވީސް ޕަސަންޓަށް ވުރެ މަތި." އޭނަ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބޭ ތިބުމުގެ ތެރެއަށް ޖަޒުބާތުގައި މައްސަލައާ ދުރުން ދައްކާ ވާހަކަތައް ވެސް ގިނަވެފައިވާ ކަމަށެވެ. ނަމަވެސް ކަންބޮޑުވުން އޮންނަން ޖެހޭނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބޭ މުއްދަތު އިތުރުވުމަށް ކަމަށް ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ ތެރެއިން ކުޑަކުދިންގެ މައްސަލަތަކުގައި ބަންދުގައި ތިބި މީހުން ފިޔަވައި އެހެން ހުރިހާ އެންމެންގެ މައްސަލަތައް ރިވިއުކޮށް ބަންދަށް ލުއި ދެވިދާނެތޯ ބެލިއިރު އޭގެ ތެރެއިން 95 ޕަސަންޓަކީ ތަކުރާރުކޮށް ކުށް ކުރާ މީހުންނާއި އެކި ޝަރީއަތްތައް ހިނގަމުންދާ މީހުން ކަމަށެވެ.
އެހެންވެ ޝަރީއަތްތައް އަވަސްވެގެން ދިޔަ ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި މި ވަގުތު ތިބި މީހުންގެ ތެރެއިން 50 މީހުން ވެސް މިނިވަން ވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން ގިނަ މީހުން ތިބެން ޖެހޭނީ ޖަލުގައި ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.