Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ސްކޭމްތަަކާ ދެކޮޅަށް ގައިޑްލައިނެއް ހަދަނީ

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ފަސް ވަނަ އިސްލާހާ ގުޅޭ ގޮތުން މަޝްވަރާކޮށް، ސްކޭމްގެ މައްސަލަތައް ހުއްޓުވަން ގައިޑްލައިނެއް ހެދުމާ ގުޅޭ ގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާއެކު ފުލުހުން ބައްދަލުވުމެއް ބާއްވައިފި އެވެ.

އިސްކަންދަރު ބިލްޑިންގުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމަކީ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި ޕްރޮސިކިއުޓަ ޖެނެރަލް އޮފީހާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޓެލެ-ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ދިރާގާއި އުރީދު އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ފަހި ޕޭ އަދި ވިލާ ޓްރެވަލްސް އިން ބައިވެރިވި އެވެ.

ބައްދަލުވުމުގައި، ޖިނާއި އިޖުރާއަތުގެ ގާނޫނަށް ގެނައި ފަސް ވަނަ އިސްލާހާ ގުޅޭ ގޮތުން އިދާރާތަކުގެ މެދުގައި މަޝްވަރާކޮށްފައިވެ އެވެ. އަދި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް، މާލީ އިދާރާތައް ގުޅިގެން ގައިޑްލައިން ހެދުމަށް ބޭނުންވާ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ހިންްގާ ސްކޭމްގެ މައްސަލަތައް ވަރަށް ގިނަ އެވެ. އެހެންވެ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަކީ ވެސް މިފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރަން މިދިޔަ އަހަރު އުފެއްދި ސެންޓަރެކެވެ.