Last Updated: April 20, 17:58
Sunday, April 20, 2025
ޚަބަރު

ރޯދަ މަހަށް ތައްޔާރުވާން ސިލްސިލާ ދަރުސްތަކެއް

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން 'މަޖާސިލް ރަމަޟާން' ގެ ނަމުގައި ސިލްސިލާ ދަރުސްތަކެއް ބާއްވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަރުސްތަކަކީ ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި އެނގެން ޖެހޭ މުހިއްމު މަޢުލޫމާތުތައް ހިމެނޭހެން މަޝްހޫރު ޢިލްމުވެރިޔާ އިބްނު އުތައިމީން ރަޙިމަޙުﷲ ލިޔުއްވާފައިވާ ފޮތެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދަރުސްތަކެއް ކަމަށެވެ.

މި ދަރުސްތަކުގައި އަލިއަޅުވާލަން ހަމަޖެހިފައިވާ ބައެއް މަޢުޟޫއުތަކުގެ ތެރޭގައި ރަމަޟާން މަހުގެ މާތްކަމާއި، ރަމަޟާން މަހުގެ ރޯދައިގެ ޙުކުމާއި، ރޯދައިގެ މާތްކަމާއި، ރަމަޟާން މަހުގެ ރޭއަޅުކަމުގެ ޙުކުމްތައް ހިމެނެ އެވެ.

ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ފުރަތަމަ ތިން ހަފުތާގެ، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭތަކުގައި މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުން 16 ރަށެއް ގައެވެ.

މި ސިލްސިލާގެ ދަރުސްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ކައުންސިލްތައް ގުޅިގެންނެވެ.

މިނިސްޓްރީން އަންނަނީ ކޮންމެ އަހަރެއްހެ ރޯދަ މަހުގެ ރޭތައް އިހުޔާ ކުރަން ވެސް ފޯރަމްތަކެއް ބާއްވަމުންނެވެ. މި ފޯރަމްތައް މީގެ ތިން އަހަރު ކުރިން ފެށިގެން ބާއްވަމު އަންނަނީ މާލެ އާއި އަތޮޅުތެރޭގަ އެވެ.