Last Updated: November 25, 20:21
Monday, November 25, 2024

އަންނަ އަހަރު އައްޑޫގައި ނޫސްވެރިކަމުގެ ކޯހެއް ހިންގަނީ

ފޮޓޯ: ކެމްޕަސް ފޭސްބުކް ޕޭޖް

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) އިން އަންނަ އަހަރު އައްޑޫގައި ނޫސްވެރިކަމުގެ ދާއިރާ އިން ކޯހެއް ހިންގަން ނިންމައިފި އެވެ.

ޔުނިވަސިޓީގެ ފެކަލްޓީ އޮފް އާޓްސް (އެފްއޭ)ގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ވިދާޅުވީ ޑިޕްލޮމާ ލެވެލްގެ އެ ކޯސް ކުރިއަށް ގެންދާނީ ހަފުތާ ބަންދުގައި ކިޔަވައިދޭ ގޮތަށް ބްލޮކް މޯޑަށް ކަމަށެވެ.

އޭނާ ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާ އިން އެންމެ ދެކުނުގައި ކޯހެއް ފެށުމަށް ނިންމީ މިހާރު ވެސް ގިނަ އޮންލައިން ނޫސްތަކެއް ދެކުނުގެ އަތޮޅުތަކުގައި ހިންގާތީ އާއި އެކަމަށް ޝައުގުވެރިވާ ގިނަ ބަޔަކު ތިބުމުން ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އައްޑޫގައި ނޫސްވެރިކަމުގެ ޑިޕްލޮމާ ކޯހެއް ހިންގަން ނިންމީ “ހަވީރު” ނޫސް ފަދަ ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ވެސް އައްޑޫގައި ތިބޭތީ އާއި އެތަންތަނުގައި ގާއިމުވެ ތިބެެގެން ވެސް ނޫސްވެރިކަން ކުރެވޭނެތީ އެ ފުރުސަތު ގިނަ ބަޔަކަށް ފަހިކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

މި ކޯސް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ މާލޭން ލެކްޗަރާއިން ގޮސްގެން، ހިތަދޫގައި ހުންނަ ޔުނިވަސިޓީގެ ކެމްޕަހުގަ އެވެ. އަދި ތިޔަރީ ބަަޔަށް ވުރެ ޕްރެކްޓިކަލް ބައި މި ކޯހުގައި ގިނަ ކުރުމަށް ވިސްނާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.