މީދޫ ކޯގަންނު ގަބުރުސްތާނުގައި ހުންނަ އަތަރާ މިސްކިތުގެ ފުރާޅުވަނީ 14 އޯގަސްޓް ގައި ކުރި ވިއްސާރައިގައި އެއްލާލެވިފައި އެވެ. އެފަހުން 5 ދުވަސްވެގެން ދިޔައިރުވެސް ފުރާޅު ތައް އެއްލާލި ގޮތަށް ގަބުރުސްތާނުގެ މަހާނަ މަތީ އެބަ އޮތެވެ. މިސްކިަތަށް ވާރޭ ވެހި އަވިދޭ އިރު އެކަމަކަށް ވިސްނާ ބަޔަކު ނެތެވެ.
މީދޫ ކޯގަންނު ގަބުރުސްތާނަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެންމެ އާސާރީ ގަބުރުސްތާނެވެ. މި ގަބުރުސްތާނުގައި 4 މިސްކިތެއް ވަނީ އިމާރާތް ކުރެވިފައެވެ. މީގެ ކުރިން މި ހަތަރު މިސްކިތުގައި މީހުން ނަމާދު ކުރެއެވެ. އޭރު މި މިސްކިތްތައް ބަލަހައްޓައި ބަންގި ގޮވައި ހެދުމަށް މުދިމުންވެސް ވަނީ ލާފައެވެ.
އައްޑޫގެ މިސްކިތްތަކަކީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާތަންތަނަށް ވިނަމަވެސް، ނިންމަން ޖެހޭ ނިންމުންތައް ނިމިފައިނުވާތީ އަދިވެސް މިސްކިތްތައް ބަލަހައްޓަމުން ގެންދަނީ ކައުންސިލުންނެވެ.
ގަބުރުސްތާންތަކާއި، ތާރީޚީ ތަންތަން ހިމާޔަތް ކޮށް ބެލެހެއްޓުމުގެ ޒިންމާ ވަނީ ޤާނޫނީ ގޮތުން ކައުންސިލާއި ހަވާލުވެފައި އެވެ. ނަމަވެސް އަދި އަދަށް ދާންދެންވެސް ކައުންސިލުން ގަބުރުސްތާން ހިމާޔަތް ކުރުމުގައި ކޮށްފައިވާ އެއްވެސް ކަމެއް ނެތެވެ.
"ގަބުރުސްތާނަކީ އެއްވެސް ހިމާޔަތެއް އޮތް ތަނެއް ނޫން. އެތަނުގައި ތިބި ބައެއް މަހާނަތަކަށް މީހުން ގެއްލުން ވެސް ދޭ. މެދު ޒިޔާރަތް ވެސް ހަލާކު ކުރި މީހާ ވެސް އެންމެންނަށް އިނގޭ އެއްވެސް ފިޔަވަޅެއްވެސް ނާޅާ ދެން ކޮން ހިމާޔަތެއް މި ކުރެވެނީ." މީދޫއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ދާދި ފަހުން އައްޑޫސިޓީ ކައުންސިލުން ހުޅުމީދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވި ކުރެއްވުމުގައި ވެސް ބައެއް އާންމުން ވަނީ ކޯގަންނު ހިމާޔަށް ކޮށް ދިނުމަށް ކައުންސިލަށް އެދިފައި އެވެ. އަދި މީގެ އިތުރުން ބައްދަލުވުމުގައި ބައިވެރިވި ގިނަ ބަޔަކު ވަނީ ކައުންސިލުގެ ބާރުގެ ދަށުގައި ނެތް ކަންކަން، ކޮށް ނުދެވުނުކަމުގައި ވިޔަސް އެކަން ކަމަށް މަގު ފަހިކޮށް ދެވޭނެ ކަމަށް ބުނެ އެކަންކަމަށް އެދިފައެވެ.
ކޯގަންނުގެ މި ހަތަރު މިސްކިތުގެ ހާލަތު މިހެން އޮތްވާ އިސްލާމިކް މިނިސްޓްރީއިން ހުޅުމީދޫގައި ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މިނިސްޓްރީގެ ބޭފުޅަކު ވަނީ ސޯޝަލް މީޑީއާގައި ހިއްސާ ކޮށްފައެވެ.
މިސްކިތްތައް ބެލެހެއްޓުން އިސްލާމިކް މިނިސްޓްރީގެ ދަށައް ގެންގޮސް، އަދި އެކަމުގައި އެކަށީގެންވާ މަސައްކަތެއް ވަނީ ނުކުރެވިއެވެ. ކައުންސިލްގެ ބަހަކީ މިސްކިތް ބެލެހެއްޓުން އޮތީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމެވެ. އެހެެންވެ މިސްކިތް ބަލަހައްޓާ ފަރާތެއް މިވަނީ ހޯދާ ނުފެނިފައެވެ.