Last Updated: April 21, 15:31
Monday, April 21, 2025
ޚަބަރު

ހެޕިނެސް އިންޑެކްސް ތަންފީޒު ކުރާނީ ކައުންސިލްތަކާ ގުޅިގެން

ރާއްޖޭގެ ހެޕިނެސް އިންޑެކްސް އެކުލަވައިލެވުމުން އެކަން ތަންފީޒު ކުރާނީ ދާނީ ކައުންސިލްތަކާ ގުޅިގެން ކަމަށް އިދާރީ ދާއިރާތަކާ ބެހޭ މިނިސްޓަރު ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުފާވެރިކަން މިންކުރުމަށް އެކުލަވައިލާ "ހެޕިނަސް އިންޑެކްސް" އިފުތިތާޙުކުރުމަށް އިއްޔެ ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ޙަފުލާގައި މިނިސްޓަރު ވިދާޅުވީ ހެޕިނެސް އިންޑެކްސް އަށް ކައުންސިލްތައް އަހުލުވެރި ކުރުމުގެ މަސައްކަތްތައް ވެސް މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މީގެ އިހެޕިނެސް އިންޑެކްސްގެ ދަށުން ކުރިއެރުން ހޯދާ ރަށްތަކަށް އެވޯޑް ދެވޭނެ ގޮތްތަކެއް ވުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިއްޔެ ލޯންޗްކުރި ހެޕިނަސް އިންޑެކްސްގެ ރިސާޗް ޕާޓްނަރަކީ އިސްލާމިކް ޔުނިވަސިޓީ އެވެ. ހެޕިނަސް އިންޑެކްސްއާ ބެހޭ ތިން މަސައްކަތު ބައްދަލުވުމެއް މިދިޔަ އަހަރު މިނިސްޓްރީ އާއި ޔުނިވަސިޓީ ގުޅިގެން ބާއްވާފައިވެ އެވެ.

ރާއްޖޭގެ އުފާވެރިކަން މިންކުރުމަށް މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ އާދަމް ޝަރީފު ޢުމަރު އިސްނަންގަވައިގެން ކުރައްވަމުން އަންނަ މަސައްކަތެކެވެ.