އިންޑިއާގައި ރާއްޖޭގެ ޓޫރިޒަން އިޝްތިހާރު ކުރަން އަނެއްކާ ވެސް ބޮލީވުޑްގެ ބަޔަކާ އެކު އެމްއެމްޕީއާރްސީން މުމްބާއީގައި ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.
އިއްޔެ ހަވީރު އެ ހަފުލާ ބޭއްވީ މިދިޔަ މަހުގެ 30 އިން އިއްޔެގެ ނިޔަލަށް މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ގެންދިޔަ "އޯޓީއެމް ފެއާ" އާ ވެސް ގުޅުވައިގެންނެވެ. އެގޮތުން އެމްއެމްޕީއާރްސީގެ އިސްވެރިން އިސްކޮށް ތިއްބަވައިގެން ބޮލީވުޑަށް ހާއްސަ އިވެންޓްގައި މަޝްހޫރު ބައެއް މީހުން ބައިވެރިވެފައިވެ އެވެ.
އޭގެ ތެރޭގައި ރާއްޖެ އަށް އެކި ފަހަރު މަތިން ޒިޔާރަތްކޮށްފައިވާ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ޚާންގެ އިތުރުން ޑައިރެކްޓަރު ޒޯޔާ އަޚްތަރާއި އޭނަގެ ކޮއްކޮ ފަރުހާން އަޚްތަރުގެ އަންހެނުން ޝިބާނީ ޑަންޑޭކަރާއި ބަތަލާ ނޭހާ ދޫޕިއާގެ ފިރިމީހާ އެކްޓަރު އަންގަދު ބޭދީ އާއި ކެޓްރީނާ ކައިފްގެ ކޮއްކޮ ބަތަލާ އީޒްބެލް ކައިފް އަދި ބަތަލާ މޯނީ ރޯއި ހިމެނެ އެވެ.
Visit Maldives had a great time with Bollywood celebrities! We look forward to more engaging events together in future. pic.twitter.com/2ZK1JfU3P5
— Maldives Marketing & Public Relations Corporation (@mmprc_corporate) February 2, 2025
މި ފަންނާނުން ބައިވެރިވި އިވެންޓާ ގުޅޭ ގޮތުން އެމްއެމްޕީއާރްސީން އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ބޮލީވުޑްގެ މީހުންނާ އެކީ މިފަދަ އިވެންޓްތަކެއް ބާއްވާނެ ކަމަށެވެ.
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ތެރޭގައި އިންޑިއާ ހިމެނޭ އިރު، އެ ގައުމުގެ ފިލްމީ ތަރިން މިހާރު ވަރަށް ގިނައިން ރާއްޖެ އާދެ އެވެ. އިންޑިއާ އަކީ 2023 ގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމު ވެސް މެ އެވެ.
މިދިޔަ އަހަރު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން ވެސް މުމްބާއީ އަށް ވަޑައިގެން ބޮލީވުޑްގެ ފަންނާނުންތަކެއް ބައިވެރިވި، ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ އިވެންޓެއް ބޭއްވި އެވެ. އޭގައި ބައިވެރިވި ތަރިންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި ސޮނާކްޝީ ސިންހާ ފާހަގަކޮށްލެވެ އެވެ.