ރާއްޖޭގައި ޒަމާނީ، ދެމެހެއްޓެވިނި ދަނޑުވެރިކަމެއް ރާއްޖޭގައި ކުރިއެރުވުމަށް ދާއިރާއަށް ޒުވާނުން ޝަޢުގުވެރިކުރުވައި ޒުވާން ދަނޑުވެރިން އިތުރުކުރުން ވަރަށް މުހިންމު ކަމަށް އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވަސިޓީން "ކޮންފަރެންސް އޮން ކްލައިމެޓް ރިޒިލިއަންޓް އެގްރިކަލްޗަ ފޯ ފުޑް ސެކިއުރިޓީ" ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އެ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރި ކަމަށެވެ. އަދި ރަށްރަށުގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ ޓެކްނިކަލް މަޢުލޫމާތު އެކަށީގެންވާ ގޮތުގައި ލިބިފައި ނެތުމަކީ ތިމާވެއްޓާ ރަށްޓެހި ދަނޑުވެރިކަމެއް ކުރުމަށް އޮން އެންމެ ބޮޑު ގޮންޖެހުން ކަމަށް ވެސް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ވަސީލަތްތައް ލިބުމުގެ ދަތިކަމާއި މާލީ އެހީ ހޯދުމުގެ ދަތިކަމާއި، ދަނޑުތަކުގައި ހައްދާ ތަކެތި އެއް ތަނުން އަނެއް ތަނެއް ގެންދިއުމުގައި ދަތުރުފަތުރުގެ ދަތިކަމާއި، މާކެޓް ހޯދުމުގެ ދަތިކަން ވެސް ހުރި ކަމަށެވެ. ނަމަވެސް ޒަމާނީ އާ ގޮތްތައް ހޯދައި ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ސިނާޢަތެއް ހޯދުމަށް، ޒުވާނުންގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑުތަނުން އިތުރު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގައި 7،600 ދަނޑުވެރިން ދަފްތަރުކޮށްފައިވާ އިރު، އޭގެތެރެއިން ޒުވާނުންގެ ނިސްބަތަކީ އެންމެ ހައެއް ޕޮއިންޓް ނުވައެއް ޕަސަންޓް. ރާއްޖޭގައި ކާބޯތަކެތި އިމްޕޯޓްކުރާ ނިސްބަތް ނުވަދިހަ ޕަސަންޓަށް އަރާ،" މިނިސްޓަރު ވިދާޅުވި އެެވެ. "އެހެންވީމަ ދެމެހެއްޓެނިވި ގޮތެއްގައި ދާއިރާ ފުޅާކުރަން ޒުވާނުން މި ދާއިރާއަށް ޝަޢުގުވެރިކުރުވާ، ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ."
"ކޮންފަރެންސް އޮން ކްލައިމެޓް ރިޒިލިއަންޓް އެގްރިކަލްޗަ ފޯ ފުޑް ސެކިއުރިޓީ" ކޮންފަރެންސަކީ ދަނޑުވެރިކަން ކުރުމުގައި ތިމާވެއްޓާ ރަށްޓެހި ގޮތްތައް އަށަގެންނެވުމާއި ރާއްޖޭގައި ދަނޑުވެރިކަން ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމާ ގުޅޭ ގޮތުން ދިރާސީ ނަޒަރަކުން މަޝްވަރާ ކުރަން ބާއްވާ ކޮންފަރެންސެކެވެ.
މި ކޮންފަރެންސް ކުރިިއަށް ދާނީ މާދަމާގެ ނިޔަލަށެވެ.