Last Updated: March 12, 21:58
Wednesday, March 12, 2025
ޚަބަރު

ޑިސަބިލިޓީ ކައުންސިލްގެ ރައީސަކަށް ފާތުން

ޑިސްއެބިލިޓީ ކައުންސިލް އޮފް މޯލްޑިވްސްގެ ރައީސަކަށް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ކަމަށްވާ ފާތިމަތު އިބްރާހިމް ހޮވައިފި އެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކައުންސިލްގެ އެންމެ އިސް މަޤާމަށް ނުކުޅެދުންތެރިކަން ހުންނަ މީހަކު ހޮވި ފުރަތަމަ ފަހަރެވެ. އެހެންވެ މިއާ އެކު ފާތުންގެ ނަން ވަނީ ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފަ އެވެ.

ފާތުން އަކީ ފަޚުރުވެރި ޕެރަލިމްޕިއަނެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ފަރާތެކެވެ.
މިދިޔަ އަހަރުގެ ޕެރިސް ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެ ތަމްސީލުކޮށް، ފާތުން ވަނީ ޤައުމީ ރެކޯޑު ހާސިލުކޮށްފައެވެ. އަދި ދުބާއީގައި ބޭއްވި 15 ވަނަ ފައްޒާ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕާއި މަޑަގަސްކަރައިގައި ބޭއްވި ންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ހޯދާފައިވާ ވަނަތަކުން ދައްކުވައިދެނީ އޭނާ ކެރުންތެރިކަމާއި، ހިތްވަރާއި، އަޒުމާއެކު ކުރާ މަސައްކަތެވެ.

އޭނާއަށް ލިބިފައިވާ އެވޯޑުތަކުގެ ތެރޭގައި ސްޕޯޓްސް ވުމެން އޮފް ދަ އިޔާ ޕްރޮފެޝަނަލް އެންޑް ކެރިއަ ވިމެން އެވޯޑްސް އާއި، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްހެ ސްޕެޝަލް ރިކޮގްނިޝަން އެވޯޑާއި ރެހެންދި ނެޝަނަލް އެވޯޑާއި، ރިވެލި ތަރި އެވޯޑު ހިމެނެ އެވެ.

ފާތުން ބުނި ގޮތުގައި ޑިސްއެބިލިޓީ ކައުންސިލުގެ ރައީސާއެއްގެ ހައިސިއްޔަތުން، އޭނާގެ ތަޞައްވުރަކީ ޝާމިލު މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް އިތުރު ގިއަރަކަށްލައި، ކައުންސިލުން މިއަށްވުރެ ގާތުން މުޖުތަމަޢުއާއި ގުޅިގެން މަސައްކަތްކުރުމެވެ.

އެގޮތުން ކޮންމެ މީހަކަށް ވެސް އުޅެވޭނެ ޝާމިލުކުރަނިވި ވިލުންތެރި މުޖުތަމަޢަކަށް މި މިޖުތަމަޢު ހެދުމަށް ހުއްޓުމެއްނެތި މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދީފައިވެ އެވެ. ފާތުން ބުނީ ގޮތް ނިންމާ، ކަންކަމުގައި އިސްކޮށް ބަސް ބުނެވޭ މަގާމުތަކަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވާދަކޮށް، އެ މަޤާމުތަކުގައި އެ ފަރާތްތައް ތަމްސީލުވެގެން ދިއުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި މިކަމަށްޓަކައި ޑިސްއެބިލިޓީ ކައުންސިލުން ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ގަސްދުކުރާ ކަމަށް ބުންޏެވެ.