Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

އިންޑިއާ އިން 300،000 ޓޫރިސްޓުން ގެންނަން އަމާޒެއް

ޝިލްޕާ ޝެޓީ މިދިޔަ ހަފުތާގައި ރާއްޖޭގައި.

ރާއްޖެ އަށް މި އަހަރު އިންޑިއާ އިން މަދުވެގެން 300،000 ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ ކަމަށް އެމްއެމްޕީއާރްސީން ބުނެފި އެވެ.

އެ ގައުމުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ އިވެންޓްތަކެއް މިދިޔަ މަހާއި މި މަހުގެ ތެރޭގައި ވެސް ހިންގާފައިވާ އިރު، އެމްއެމްޕީއާރްސީން ބުނީ އިންޑިއާ އަކީ ރާއްޖެ އަށް ވަރަށް މުހިއްމު މާކެޓެއް ކަމަށެވެ. އެހެންވެ އެ ގައުމުން އަންނަ ޓޫރިސްޓުން މި އަހަރު ވަރަށް ވަރަސް ބޮޑަށް އިތުރު ކުރަން އިސްކަންްދޭނެ ކަމަށާއި އަމާޒަކީ މަދުވެގެން 300،000 ޓޫރިސްޓުން ގެނައުން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެގޮތުން އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކުގެތެރޭގައި ސަމަ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއާލައިންތަކާ އެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން މަޝްހޫރު ޓުއާ އޮޕަރޭޓަރުންނާއެކު ޕާޓްނަޝިޕްތައް ހެދުން ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މި އަހަރުގެ މިހާތަނަށް އިންޑިއާ އިން ރާއްޖެ އަށް 10,518 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި އެ ގައުމު މިހާރު އޮތީ ގަދަ 10 ގެ 6 ވަނައިގަ އެވެ. ދެހާސް ތޭވީހުގައި ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ އިންޑިއާއިންނެވެ.

އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން މިހާރު ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އާދެ އެވެ. އޭގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް ޕްރޮމޯޓްވެ އެވެ.