Last Updated: November 25, 20:21
Monday, November 25, 2024
ޚަބަރު

އޭޖީ އޮފީހުގެ މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސުން އުނި ނުކުރޭ !

އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާރވިސް އެލަވެންސުން އުނި ނުކުރާކަން އިތުބާރު ހުރިގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭޖީ އޮފީހުގެ މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސުން އުނި ނުކުރުމަށް އަންގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސޮއިކޮށްފައިވާ އިންޓާނަލް މެމޯ އެއް ވަނީ ފޮނުވާފައެވެ. އެ މެމޯ ފޮނުވާފައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސުން ނުކެނޑޭނެ ކަމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އިން ނިންމުމާއި ގުޅިގެންނެވެ.

އޭޖީ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުން ބާތިލް ނުކުރަނީސް އެއްވެސް މުވައްޒަފެއްގެ ސާވިސް އެލަވެންސުން އުނިކޮށްގެން ނުވާނެ ކަމަށް އެ މެމޯގައި ބުނެފައިވާތީ މިހާރު އެ ގޮތަށް އަމަލު ކުރަމުން ގެންދާ ކަމަށެވެ.

ސިވިލް ސާވިސްގެ މުވައްޒަފުން އޮފީހަށް ސަލާމް ބުނާ ދުވަސް ތަކަށް ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭ ފައިސާ އިން އެއްވެސް ވަރެއް އުނި ނުކުރެވޭނެ ކަމަށް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ ފިޝަރީޒް މިނިސްޓްްރީގެ ސީނިއާ ޕްރޮޖެކްޓް އޮފިސަރެއްގެ ވަޒީފާ އަދާކުރި، ރ. މަޑުއްވަރީ ގުލްފާމްހިޔާ، ނަސީފް މުހައްމަދު، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާ ދެކޮޅަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

ޓްރައިބިއުނަލް ގެ ނިންމުމަށް ފަހު އޭޖީ އޮފީހުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސުން އުނި ނުކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް، ސަރުކާރުގެ އެހެނިހެން އޮފީސްތަކުގައި މަސައްކަތް ކުރާ ސިވިލް ސާވެންޓުން ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވެންސުން އުނިކުރަމުން ގެންދާ ކަން ފާހަގަކޮށްލެވެއެވެ.

މިކަމާއި ބެހޭގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ ބަހެއް ހޯދާލުމަށް ކުރި މަސައްކަތް އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

ސާވިސް އެލަވެންސްގެ މައްސަލައިގައި ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ނިންމުން ސިވިލް ސާވިސް ކޮމިޝަނުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވާއިރު އެ މައްސަލައިގެ އަޑު އެހުމެއް އަދި ބާއްވާފައެއް ނުވެއެވެ.