Last Updated: April 20, 11:51
Sunday, April 20, 2025
ޚަބަރު

ބޮޑު ބޯޓްގައި ޗައިނާ އަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރަނީ

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓްގައި މިހާރު ޗައިނާ އަށް ދަތުރުތައް ބާއްވަމުން އަންނަ އިރު، އެ ބޯޓްގައި ރާއްޖޭގެ މަހުގެ އުފއްދުންތައް ޗައިނާ އަށް އެކްސްޕޯޓްކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.

މިއަދު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގައި މޯލްޑިވިއަންގެ އިތުރުން މިފްކޯ އާއި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ ވެރިންގެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ސަޕްލަޔަރުން ވެސް ބައިވެރިވެ އެވެ.

މި މަޝްވަރާ ބައްދަލުވުމާ ގުޅޭ ތަފުސީލުތަކެއް މިނިސްޓްރީން އަދި ހާމަނުކުރި ނަމަވެސް އަމާޒަކީ ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ފުޅާކުރުން ކަމަށް ބުންޏެވެ.

މޯލްޑިވިއަންގެ ވައިޑް ބޮޑީ ބޯޓުން މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އަންނަނީ ޗައިނާގެ ތިން ސިޓީއަކަށް ކޮންމެ ހަފުތާތަކު ވެސް ތިން ދަތުރު ބާއްވަމުންނެވެ. އެ ދަތުރު ބާއްވާނީ ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ޗައިނާގެ ބެއިޖިން، ޗެންގްޑޫ އަދި ޝަންހާއީއާ ދެމެދު އެވެ.