ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އައްޑޫ މަރަދޫގައި މަދަހަ މުބާރާތެއް ބާއްވަން ނިންމައި، ބައިވެރިވާން ހުޅުވާލައިފި އެވެ.
މަރަދޫ އަވަށު އޮފީހުން އިންތިޒާމުކުރާ މި މުބާރާތް ކުރިއަދް ގެންދަން ނިންމާފައި ވަނީ 7 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އެއީ 5 އަހަރުން ދަށާއި 7 އަހަރުން ދަށާއި 10 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 16-18 އަހަރުގެ އުމުރުފުރާގެ އިތުރުން 18 އަހަރުން މައްޗެވެ.
މަދަހަ މުބާރާތުގައި ސޯލޯ، ޑުއެޓް އަދި ގްރޫޕްކޮށް ވެސް މަދަހަ ހުށަހެޅޭނެ އެވެ.
މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައި ވަނީ މި މަހުގެ 13 އާ ހަމައަށެވެ. މުބާރާތަށް ރަޖިސްޓްރީވާނީ މި ލިންކް forms.gle/JUyXMbtNVywLqUTM6 މެދުވެރިކޮށެވެ.
މަރަދޫ އަވަށު އޮފީހުން ބުނީ މަދަހަ މުބާރާތުގެ ކޮންމެ އުމުރުފުރައަކުން ގަދަ ތިނެއްގެ ހޮވުމުގެ އިތުރުން މުޅި މުބާރާތުގެ ގަދަ ތިނެއް ވެސް ހޮވާނެ ކަމަށެވެ.
މަދަހަ މުބާރާތުގެ މަގުސަދަކީ މަރަދޫގެ އެ އެކި އުމުރު ފުރާތަކުގެ މީހުންގެ މެދުގައި ދީނީ ކަންކަމަށް އޮންނަ ލޯބި އިތުރުކުރުމާއި މަދަޙަ ކިޔުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ވާދަވެރި ގޮތެއްގައި ހުނަރު ދައްކައިލުމަށް މަގުފަހިކޮށް ދިނުން ކަމަށް އަވަށު އޮފީހުން ބުންޏެވެ.